02 Feb 2014, 10:05
އާމުދަނީ ނެތިގެން ޕްރޮޖެކްޓްތައް ނުހިންގޭ ވާހަކަ ފަހަކަށް އައިސް ދައްކާ އަޑު ގަދަ އެވެ. ދަރަނީގެ ވާހަކަ ބޮޑަށް ދައްކާނީ ސިޔާސީ ބޭނުމެއްގަ އެވެ. ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ ވާހަކައަކީ ކޮންމެ ކެމްޕޭންއަކާ އެކު "އޮހޭ" ވާހަކަތަކެކެވެ. އެއްކޮޅުން ކަންތައްތައް ކޮށްދޭން ބުނާނެ އެވެ. ދެން ބުނާނީ އިގްތިސާދު ހީނަރު ވާހަކަ އެވެ. ހިތާމައަކީ ހަގީގީ ހައްލު އެނގި ހުރެ އެ ވާހަކަ ނުދައްކާތީ އެވެ.
"އަޅުގަނޑުމެންގެ ދަރަނި މިހުރީ ރަތް މިންގަނޑުގައި. މި ނޫން ގޮތަކަށް ގައުމުގެ އިގްތިސޯދު ކުރިއަށް ގެންދިޔުމުގައި އެބަ ވިސްނަން ޖެހޭ. އުފެއްދުންތެރިކަން އިތުރުކޮށް ކެޕިޓަލަށް ކުރާ ހަރަދު އިތުރުކުރުމަށް ވިސްނަން ޖެހޭ. އޭރުން ފުދުންތެރި އިގްތިސޯދެއް އުފެއްދޭނީ. އެހެން ނޫނީ ކޮންމެ އަހަރަކު ވެސް ޖެހޭނީ ވަރަށް ދަތިކޮށް ކަންތައްތައް މެނޭޖްކުރަން،" ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި އެވެ.
އެއީ ފިނޭންސް މިނިސްޓަރުގެ ބަހެވެ. ދެން ބަލާލަންވީ އެހާލަތަށް ގައުމު ދާންޖެހުނީ ކީއްވެގެންކަމެވެ. ހަގީގަތް ވަރަށް ސާފެ އެވެ. ގައުމުގެ އިގްތިސާދު "ގިލަންވެރިކަން" އައިސް ކަރުނަ އަޅަން މެދުވެރިވި ސަބަބަކީ ނުކުރަން ޖެހޭ އެތައްކަމެއް ކުރުމެވެ. ނާޅަންޖެހޭ އެތައް ފިޔަވަޅެއް އެޅުމެވެ. ގައުމާ އެކަށީގެން ނުވާ އެތައް މުއައްސަސާއެއް އުފެއްދުމެވެ. ސިޔާސީ ބޭނުމަށް ގައުމު ގުރުބާން ކުރުމެވެ. ހަގީގީ މައްސަލައަކީ "ބޮޑު ސިންގާ އޮނިގަނޑެއް" ގެނައުމެވެ.
މި އަހަރުގެ ބަޖެޓްގެ ޖުމުލަ ހަރަދަކީ 17.5 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 12.5 ބިލިއަން ރުފިޔާ އަކީ ރިކަރަންޓް ހަރަދެވެ. އޭގެ ތެރެއިން ވެސް ބޮޑުބައެއް ހިއްސާކުރަނީ ބޮޑެތި މުސާރަތަކަށެވެ. ސިޔާސީ ބާރުވެރިކަމަށް އެތައް ސަތޭކަ މީހަކަށް "ނަން ރީތި"، މުސާރަ ބޮޑު މަގާމްތައް ދިނުމާއި ބޭނުންނުވާ ވަރަށް މުއައްޒިފުން އިތުރުކުރުމުގެ ސަގާފަތް ދޫކުރަންޖެހެ އެވެ.
ސިޔާސީ ވެރިން ހޭލަން ވެއްޖެ އެވެ. ރައީސް ޔާމީން އަބްދުލްގައްޔޫމް މުސާރަ އިން ދެ ބައިކުޅަ އެއް ބައި ކުޑަކުރެއްވުމުން ޝުކުރުހައްގެވެ. އެމްޑީޕީގެ ސަރުކާރާ އެއްވަރަށް އަދި ސިޔާސީ މަގާމުތަކުގެ އަދަދު އަދި ނޭރި ނަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު މަތިބަރެވެ. މި ސަރުކާރަށް ބަލާ އިރު ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުތަކުގަ އާއި އެ ފެންވަރުގައި 92 ބޭފުޅަކު ސަރުކާރުގައި އެބައުޅުއްވަ އެވެ. އެންމެ ގިނައީ ޑެޕިއުޓީ މިނިސްޓަރުންނެވެ. ކޮންމެ ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަކީ މަހަކު 30000ރ. އެވެ. ކޮންމެ ސްޓޭޓް މިނިސްޓަރެއްގެ މުސާއަރައަކީ 41000ރ. އެވެ. އަދި އެހެނިހެން ސިޔާސީ މަގާމަތައް ކޮބައިތޯ އެވެ. ވޭތުވެދިޔަ ބައެއް ސަރުކާރުތައް ވެސް އެންމެ ބޮޑު ފޭލުވުމަކަށްވީ ސިޔާސީ މަގާމްތައް އިތުރުކުރުމެވެ. އިގްތިސާދު ހަމަޔަކަށް އަޅުވަން ބޭނުން ނަމަ މަގާމްތައް މަދުކުރުމުގެ ގުރުބާން އަދުގެ ސަރުކާރުން ވާންޖެހެ އެވެ.
މަގާމްތަކާއި މުސާރައިގެ ވާހަކަ ދައްކާ އިރު ހަރަދު ބޮޑީ ހަމައެކަނި ސަރުކާރެއްގައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަށް އެކަނި ބަލާލި ނަމަވެސް ބޮޑެތި މުސާރަތަކުގެ ސަބަބުން ދައުލަތަށް ވަމުންދާ ބުރަ ހާމަވެ އެވެ. މިނިވަން މުއައްސަސާތައް ކަމަށް ބުނެ އުފައްދާފައިވާ ބޮޑެތި އެތައް މުއައްސަސާތަކަކީ ލިބޭ ހިދުމަތަށް ވުރެ ދައުލަތުން ކުރަން ޖެހޭ ހަރަދު ބޮޑުވެފައިވާ މުއައްސަސާތަކަކަށް މިވަނީ ވެފަ އެވެ. ކުރަނީ ކީއްކަމެއް ނޭނގޭ އެތައް މުއައްސަސާއަކަށް ދައުލަތުން ދަނީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަމުންނެވެ. އަނެއްކޮޅުން މަދަނީ ޖަމިއްޔާތައް ހަރަކާތްތެރިވާ ވަރަށް ވެސް ހަރަކާތްތައް ނުހިންގާ، ބޮޑެތި މުސާރަނަގާ ބައެއް މުއައްސަސާތައް އެބަހުއްޓެވެ. ނޫސްބަޔާން ނެރުމަކީ އަމިއްލަ ފަރުދަކަށް ވެސް ވާނެކަމެކެވެ. އެކަން ކުރަން ދައުލަތުން ބޮޑު ހަރަދުކޮށް މުއައްސަސާތައް އުފައްދާކަށް ނުޖެހެ އެވެ.
"އަޅުގަނޑުދެކޭ ގޮތުގައި އަޅުގަނޑުމެންގެ އިގްތިސާދީ މައްސަލަތަކުގެ އަސްލަކީ ދައުލަތުގެ ހަރަދު އެކަށީގެންވާ ވަރަށް ވުރެއް މާ ބޮޑުވުން،" ކުރީގެ އެމްއެމްއޭގެ ގަވަރުނ ޑރ. ފަޒީލް ނަޖީބް ވިދާޅުވި އެވެ.
ޒަމާނުންސުރެ ރާއްޖޭގައި ހިނގަމުންދާ ސަގާފަތެއް ބަދަލުކުރަން ޖެހެ އެވެ. އެއީ ސަރުކާރުން އެންމެނަށް ވަޒީފާ ދޭންޖެހޭ ސަގާފަތެވެ. ކޮންމެ އަހަރަކު އެތައް ހާސް ކުދިންނެއް މޮޅެތި ނަތީޖާތަކާ އެކު ތައުލީމީ ހަޔާތް ނިންމާލާ އިރު އެއިން ކޮންމެ ކުއްޖަކަށް ސަރުކާރުން ވަޒީފާ ދޭން ޖެހުނީމާ ދެން ވާނެ ގޮތް ވިސްލާށެވެ. އެކަމުގެ ހައްލު ވެސް އެބަ އޮތެވެ. އެއީ ޕްރައިވެޓް ސެކްޓަރުގެ ފުޅާކުރުމެވެ. އެފަރާތްތަކަށް ވިޔަފާރިތައް އުފެއްދުމާއި އިންވެސްޓް ކުރުމުގެ ފުރުސަތު ދިނުމެވެ. އިގްތިސާދް ހަމަޔަކަށް އެޅުވި އުފެއްދުންތެރިކަން އިތުރުވާނީ އެގޮތަށް އަމަލުކޮށްގެނެވެ. އެކަން ކުރަން ބޭނުން ނަމަ އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރުމަށް މިހާރު އޮތް ދަތިތަކަށް ހައްލެއް ގެނަންޖެހެ އެވެ. އެފަދަ ވިޔަފާރިތަކަށް ފައިނޭންސް ލިބޭނެ ދޮރުތައް ހުޅުވާލަންޖެހެ އެވެ. މާކެޓް ކުރުމަށް ލުއި ގޮތްތަކެއް ހޯދަދަން ޖެހެ އެވެ. ހުރިހާ ތަކެއްޗަކީ ސަރުކާރުގެ ނުވަތަ މަހުޖަނުންގެ ބޮޑެތި ކުންފުނިތަކުން ވިއްކުމުގެ ބަދަލުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްލަންޖެހެ އެވެ.
މުސާރަތަކަށް ދައުލަތުގެ ހަރަދު ބަރަދުގެ ބޮޑުބައެއް ގްރުބާން ކުރަން ހުރުމުން އޭގެ ނަތީޖާ ވަރަށް ގޯހެވެ. ފޫނުބެއްދޭތަން ފޫބައްދަން މުޅިން ވެސް ޖެހެނީ ކޮންމެވެސް ތަނެއް ގުރުބާން ކުރާށެވެ. މިސާލަކަށް ބަލަމާތޯ އެވެ. ސަރުކާރަށް ކުރެޑިޓަށް ތެލާއި ތަފާތު އަސާސީ މުދާ ދީދީ އެސްޓީއޯ އެހަރަ ބަނގުރޫޓްވަނީ އެވެ. އެތަން ފޫބެއްދުމަށް ދެން ކުރަން ޖެހޭ ކަމަކީ އެމްއެމްއޭ އިން ފައިސާ ޖެހުމެވެ. އޭގެ ނަތީޖާ އަކީ ބޭރު ފައިސާ އަގު މައްޗަށް ދިއުމެވެ.
އެހެން ގޮންޖެހުމެކެވެ. އުފެއްދުންތެރިކަމެއް ނެތޭ ބުނެ އިމްޕޯޓްކުރާލެއް މާގިނައީ އެވެ. މުދާ އިމްޕޯޓްކުރުމަށް މި ގައުމަށް ލިބޭ އާމްދަނީގެ ކޮންމެ ރުފިޔާއަކުން 75 ލާރި ޑޮލަރަށް މާރުކުރާކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެހެން ގައުމުތައް ފަދައިން ރާއްޖޭގައި ނޫފެއްދޭ ތަކެތި އެތުރުކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ހައްދެއް އޮންނަން ވާނެ އެވެ. އަދި އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. ޓިޝޫއިން ފެށިގެން ގޮސް ރިސޯތަތަކާއި މާލޭ ބާޒާރުގައި ވިއްކާ ބައެއް ތަކެއްޗަކީ ވެސް ރާއްޖެ އަށް އިމްޕޯޓްކުރާތަކެއްޗެވެ. އިންޑިއާ އިން ދޮންކެޔޮ ނުވަތަ އެހެނިހެން މޭވާ އެތެރެނުކޮށް އެތަކެތި ރާއްޖޭގައި ހައްދަންޖެހެ އެވެ. ރާއްޖޭގައި ހައްދާ މޭވާތައް ކުނިވެ އުކާލުމުގެ ބަދަލުގައި އެތަކެތި ބަންދުކޮށް ގިނަ ދުވަހު ބެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސަންޖެހެ އެވެ.
އިގްތިސާދަށް ލިބެނީ މަދު ޑޮލަރުތަކެކެވެ. އެ ފައިސާ ރާއްޖެ އިން ބޭރުކުރުމަކަށް ހައްދެއް ނެތެވެ. އިންވެސްޓް ކުރާ ފަރާތްތަކަށް ވެސް ރާއްޖެ ބޭންކްތައް މެދުވެރިކޮށް ނޫނީ ފައިސާ ޓްރާންސްޕާ ނުކުރެވޭގޮތް ހެދުން މުހިންމުކަމަށް ފެނެ އެވެ. އިމިގްރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާ އިރު ރާއްޖޭގެ މަސައްކަތް ކުރާ ކޮންމެ ބިދޭސީއަކު މަހަކު މަދުވެގެން 100 ޑޮލަރާއި 200 ޑޮލަރުގެ ނިސްބަތުން އެ މީހުންގެ ގައުމަށް ފައިސާ ބޭރު ކުރަމުންދާ ނަމަ އަހަރު ދުވަހުގެ ތެރޭގައި 44.6 ބިލިއަން ރުފިޔާ އާއި 89.1 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރުވާނެ އެވެ. މިއީ ވެސް ހައްލުކުރަން ޖެހޭ ބޮޑު މައްސަލައެކެވެ. މިހާތަނަށް ބިދޭސީންގެ މައްސަލަ ހައްލުކުރަން ދެކެވިފައި ވަނީ ހުސް ހޮޅި ވާހަކަ އެވެ.
އިގްތިސާދު ހަމަޔަކަށް އަޅުވަން ކުރަން ހުރި މަސައްކަތްތައް ވެސް ގިނަ އެވެ. އެއީ އާމްމުދަނީ އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމެވެ. އެގޮތުން ކުރަން ޖެހޭ އެންމެ ބޮޑު ކަމަކީ އުފެއްދުންތެރިކަން އިތުރުކުރުމެވެ. ގައުމުގައި ހެއްދޭ ނުވަތަ އުފެއްދޭ ތަކެތި ބޭރުން ގެނައުން ހުއްޓާލަން ޖެހެ އެވެ. އެކި ފަންތީގެ ޓޫރިޒަމް ތައާރަފްކޮށް އޭގެ މަންފާ ހޯދަންޖެހެ އެވެ. މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރުކޮށް އެކްސްޕޯޓް އިތުރުކުރަންޖެހެ އެވެ. "ބައިނަލްއަގުވާމީ މާލީ ހިދުމަތް" ފަދަ އާމުދަނީ ލިބޭ ދާއިރާތައް އިތުރުކުރަންޖެހެ އެވެ. ބައިނަލްއަގުވާމީ މާލީ ހިދުމަތް ތައާރަފްކުރުމަކީ ރާއްޖެ އިން ބޭރުގެ މާލީ އިދާރާތައް އައިސް ރާއްޖޭގައި ވިޔަފާރިކުރާނެ ފުރުސަތު ދިނުމެވެ. އޭރުން ރާއްޖޭގައި ހުންނަ ބޭރުގެ ބޭންކްތަކުން ރާއްޖެ އަށް އެތައް ބިލިއަން ފައިސާއެއް ގެނެސް ރައްކާކުރާނެ އެވެ. އަދި އެ ފައިސާ އިން ރާއްޖެ އަށް ޓެކްސް ދައްކާނެ އެވެ.
ގައުމުގެ އިގްތިސާދު މިއަދު ވަނީ ނޭވާހޮޅީގަ އެވެ. މި އަހަރު ނިމޭ އިރު ދަރަނީގެ ނިސްބަތް ކޮންމެ ދިވެއްސެއްގެ ބޮލަކަށް 92،196 ރުފިޔާ އަށް އިތުރުވާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. ސަރުކާރުގެ ޖުމުލަ ދަރަނި 31.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ދިވެހިން ހޭލަންވެއްޖެ އެވެ. ގައުމަށް ލިބޭ އާމުދަނީ އަކީ ޝުކުރު ހައްގު އަދަދެކެވެ. ނަމަވެސް ހަރަދުތައް މާ ބޮޑީ އެވެ. ސިޔާސީ ފިއްތުންތަކަށް ކެތްކޮށް ސަރުކާރުން ވެސް ހަރަދު ކުޑަކުރަން ޖެހެ އެވެ. ހުރިހާ ވެސް މައްސަލައަކީ ގައުމުގެ ބޮޑު އޮނިގަނޑެވެ. އެ އޮނިގަނޑަކީ ގަޔަށް ހެޔޮވަރުގެ އެއްޗަކަށް އަވަހަށް ހަދަންޖެ އެވެ. ނޫނީ ފަހައި ދުވިއަސް އަތް ނުފޯރާ ވަރުވެދާނެ އެވެ.