02 Feb 2014, 09:56
މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން އެކަމުގައި އަމަލުކުރާނެ އުސޫލަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ބަހެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވީ ޝަރުއީ ދާއިރާ އަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ޖުވެނައިލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު ޒަހީރާ އަހުމަދު ރިޓަޔާ ކުރެއްވުމަށް ރޭ ކަލާފާނު ސްކޫލްގައި ބޭއްވި ހަފްލާ އަށް ފަހު ސަން އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އެމަނިކުފާނު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މަޖިލީހުގެ ބަހެއް ހޯދޭނީ އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅާ ގާނޫނެއް ފާސްކޮށްގެން ކަމަށާއި އެއީ މުހިންމުކަން ބޮޑު ކަމެއް ކަމަށެވެ.
"މަރުގެ ހުކުމްތައް ތަންފީޒު ކުރުމަށް އުސޫލުތަކެއް އެކަށައަޅަން ޖެހޭ. އޭގައި ނެތް ޝައްކެއް. އެއީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޖިނާއީ އިޖުރާއަތުގެ ބިލްގެ ތެރެއިން އެކަމަށް އުސޫލުތަކެއް އެކަށައެޅުމަކީ މުހިންމު ކަމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މަރުގެ ހުކުމް ތަންފީޒު ކުރާނެ އުސޫލުތައް ކަނޑައަޅާފައި ހުންނަ ކަމަށާއި ޚާއްސަ އުސޫލުތަކެއް ނެތި މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އެހާ ފަސޭހަކެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ގޮތްތަކުގެ ތެރެއިން ރާއްޖެ އިން އަމަލުކުރާނެ ގޮތެއް ކަނޑައެޅިފައި އޮތުމަކީ ވެސް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިސްލާމީ ޝަރީއަތުގައި އެކަމުގައި [މަރުގެ ހުކުމް ތަންފީޒު ކުރުމުގައި] ކަނޑައެޅިފައި އޮތް ގޮތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ތަންފީޒީ އުސޫލުތަކަށް އޭގައި ގޮތްތަކެއް ލިޔެވިފައި ވޭތޯ. އެއީ ނެތްކަމެއް. އެހެންވީމާ އުސޫލުތައް އޮތުމަކީ މުހިންމު ކަމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރާނެ އުސޫލުތައް ގަވާއިދަކުން ވެސް ކަނޑައެޅިދާނެ ކަމަށާއި ނަމަވެސް އެފަދަ ބޮޑު އަދަބެއްދޭ އިރު އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއްވެސް ފަރާތަކުން މަރުގެ ހުކުމެއް އިސްތިއުނާފު ނުކުރި ނަމަވެސް އޮޓަމެޓިކުން އެ މައްސަލަ އިސްތިއުނާފު ކުރެވޭނެ އުސޫލެއް އެކަށައެޅުމަކީ ވެސް މުހިންމުކަމެއް ކަމަށާއި އެއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލު ކަމަށެވެ.
ދާދި ފަހުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އަމުރުކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގޮތުން ކެބިނެޓުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އޭރުގެ ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު އިސްވެހުންނަވައިގެން މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ބިލެއް އެކުލަވާލައި، އެ ބިލާ ގުޅޭ ގޮތުން ދީނީ އިލްމުވެރީންނާއި އާންމުންގެ ޚިޔާލު ވެސް ވަނީ ހޯދާފަ އެވެ. ނަމަވެސް އެ ބިލް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.