01 Feb 2014, 17:04
ފަތިހުގެ ވަގުތުތަކުގައި މާލޭގެ ގެތަކަށް ވަދެ ވައްކަން ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ޒުވާނަކު ރޭ ފަތިހު ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރު ކުރީ މައްޗަންގޮޅި ކާމިނީމަގު، ބުލްބުލާގޭ ގޯޅި ތެރޭގައި ހުންނަ، ބާބިލް ގެއިން ރޭ ފަތިހު "ވައްކަންކޮށްގެން" ފިލަން އުޅެނިކޮށެވެ. ހަތަރު ބުރިއަށް ނަގާފައިވާ ބާބިލް ގޭގެ ތިރީ ބުރީގެ ވައި ގޮޅީގެ ކުޑަ ދޮރަކުން ވެދެ، ވައްކަން ކޮށްގެން ފިލަން އުޅެނިކޮށް އޭނާ ހައްޔަރު ކުރީ ދެ ފުލުހަކު ވެގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އޭނާ ހައްޔަރު ކުރީ އެ ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށެވެ. އޭނާ ހައްޔަރު ކުރި އިރު، އެޗްޕީ ލެޕްޓޮޕެއް އޮތް ދަބަހެއް ކޮނޑުގައި އަޅުވާފައި ހުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާ ބަލައި ފާސް ކުރި އިރު، އަންހެން ކުދިން އަޅާ ކަލަހަލަ ހޭންޑް ބޭގަކާއި އަތުކުރި ގަޑިއަކާއި ކެމެރާ ލެންސެއްގެ އިތުރުން މޮބައިލް ފޯނެއް ވެސް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.
ވައްކަމުގެ މައްސަލާގައި ހައްޔަރު ކުރި މީހާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ބާބިލް ގެއިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 26 އަހަރުގެ އަލީ ރިޝްވާނެވެ. ނަމަވެސް އޭނާ ނިސްބަތްވާ ރަށެއް، އެޑްރެހެން ނޭނގެ އެވެ.
ކުށުގެ ވެށިން އެ މީހާ ހައްޔަރު ކުރި ފުލުސް އޮފިސަރަކު "ސަން"އަށް ވިދާޅުވީ އޭނާ ހައްޔަރު ކުރި އިރު، ހުރީ މަސްތުގެ ހާލަތުގަގައި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އަދި ވައްކަން ނުކުރާ ކަމަށް ބުނެ ހުވާ ވެސް ކުރި ކަމަށް އޮފިސަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާ އަތުލައިގަތީ ވައްކަން ކުރާ ކަމަށް ތުހުމަތު ކުރެވިގެން ފާރަލަމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ވައްކަން ކުރި މީހާ ހައްޔަރުކޮށް ފަހަތަށް ބިޑި އަޅުވާފައި ހުއްޓާ ދެއްކި ވާހަކަތައް ކޮންމެ ވެސް ވަރަށް ފުލުހުން އޮފިސަރު ސަން އަށް ކިޔައިދިނެވެ.
"ކޮނޑުގައި އަޅުވާފައި ހުރި ދަބަސްތަކަކީ މަށާ ބެހޭ އެއްޗެއް ނޫން. އެއީ ބޯ ދިގު ކޮށްފައި ހުރި މީހަކު މަގޭ ކޮނޑުގައި އަޅުވާފައި ދިޔަ އެއްޗެހިތަކެއް. އެ ޅ އަކީ ކާކު ކަމެއް ވެސް މަޝަކަށް ނޭނގޭ،" ކަކުލު ހުޅުން ވާގިނެތިގެން ގޮސް "ބެންޑު"ވަމުންދިޔަ ޒުވާނާ ބުނި ކަމަށް އޮފިސަރު ވިދާޅުވި އެވެ.
މާލޭގައި ދަނީ ވައްކަމުގެ މައްސަލަތައް އިތުރުވަމުންނެވެ. މިއަހަރުގެގެ ޖެނުއަރީ މަހު އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅައި، ތަހުގީގު ކުރަން ފަށާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ މައްސަލަތައް މިދިޔަ އަހަރުގެ ޖެނުއަރީ އާއި އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީގައި ވަނީ 38 ޕަސެންޓަށް އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހު ވައްކަމުގެ 589 މައްސަލައެއް ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ.