15 Dec 2010, 08:04
އޭޑީކޭ ހޮސްޕިޓަލަށް ދައްކަން ދާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ، ކޮންމެ ދުވަހަކު ދިގު ކިޔޫތައް ހޮސްޕިޓަލުގެ ގޯތިތެރޭގަ އާއި ސޯސަން މަގުގައި ހަދަން ފަށައިފި އެވެ.
އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ އޭޑީކޭގެ ނަމްބަރު ކިޔޫގެ ދިގުވާން ފެށީ މި އަހައަރުގެ ބޮޑު ޗުއްޓީ ފެށުނު ހިސާބުން ކަމަށާއި އެ ހިސާބުން ފެށިގެން ކިޔޫ ދިގުވަމުން ގޮސް ކޮންމެ ދުވަހަކު ކޮންމެ ޑޮކްޓަރަކަށް ދެކުމަށް ވެސް މިހާރު ދިގު ކިޔޫއެއް ހަދަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަށް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށެވެ.
ސަންގެ ނޫސްވެރިން ރޭ އޭޑީކޭއަށް ދިޔައިރު އޭޑީކޭ ހޮސްޕިޓަލުގެ ތެރެއިން ފެށިގެން ސޯސަންމަގާ ހަމައަށް ކިޔޫ ހަދާފައިވެ އެވެ. ކިޔޫގައި ތިބި ބައެއް މީހުންނާ ސުވާލު ކުރުމުން ބުނެފައި ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ދައްކަން ބޭނުން ނުވާތީ އޭޑީކޭއަށް ދައްކަން ގޮސްތިބި ކަމަށެވެ.
"ވަކި ހާއްސަ މީހަކަށް ދައްކަން ކިޔޫޖެހުނީއެއް ނޫން. އައިޖީއެމްއެޗާ މެދު އިތުބާރު ނުކުރެވޭތީ، މިކޮޅަށް އައީ،" ނަން ޖަހަން ބޭނުން ނުވި އެމީހާ ބުންޏެވެ.
އަފްއާލް ވިދާޅުވީ ބަލި މީހުންނަށް ދައްކަން ނަމްބަރު ނަގާ މީހުންގެ ކިޔޫ ދިގުވާ ސަބަބު މެނޭޖްމެންޓުން ބެލި އިރު އައިޖީއެމްޗަށް ދައްކަން ބޭނުން ނުވެގެން އޭޑީކޭއިން ހިދުމަތް ހޯދަން ބަދަލު ކުރި މީހުން ގިނަވެފައިވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ މައިގަނޑު ގޮތެއްގައި ކިޔޫ ދިގުވާން ފެށީ ބޮޑު ޗުއްޓީ ފެށުނު ހިސާބުން ފެށިގެން ކަމަށެވެ.
"އެ ހިސާބުން ފެށިގެން މިހާރު ހަމަ ހުރިހާ ވަގުތެއްގައިހެން ކިޔޫ އާދަޔާ ހިލާފަށް ދިގުވަމުންދާތީ އެކަން މެނުއަލްކޮށް އަޅުގަނޑުމެން ކޮންޓްރޯލް ކުރަމުން މިދަނީ. ކިޔޫ ދިގުވުމުން މެނޭޖްމެންޓުން ސުވާލު ކުރަން ފަށާނެ ކާކަށްތޯ ދައްކަނީ. އެމީހަކު ދައްކަން ބޭނުންވާ ޑޮކްޓަރަށް އެ ދުވަހަކު ދޫކުރަނީ މިވެނި އަދަދަކަށް ކަމަށް އިރުޝާދު ދެމުންދަނީ. އެހެން ހެދީމާ ކިޔޫ ވަރަށް އަވަހަށް ކުޑަވެގެންދޭ ޖުމްލަ ގޮތެއްގައި މިހާރު ދިގު ކިޔޫއެއް ހެދެމުންދަނީ، މިއީ ވަކި ރޯގާއެއް ފެތުރިގެން ވަކި ހާއްސަ ޑޮކްޓަރަކު ބައްލަވާތީ ވީ ކަމެއް ނޫން،" އަފްއާލް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންގެ ގިނަވެ، ހޮސްޕިޓަލަށް ވަރަށް ލޯޑް ބޮޑުވެފައިވާއިރު މިހާރު ދުވާލަކު 800 އަށް ވުރެ ގިނަ މީހުންނަށް ހިދުމަތްދޭން ޖެހޭ ކަމަށެވެ.
އޭޑިކޭއިން ހިދުމަތް ހޯދާ މީހުން ގިނަވެ ލޯޑް ބޮޑުވެފައިވީ ނަމަވެސް އަފްއާލް ވިދާޅުވީ ހޮސްޕިޓަލުގެ އަށް ބުރީގެ އާ އިމާރާތް ނިމުމުން އެކަން ހައްލުވެގެންދާނެ ކަމަށެވެ.
އޭޑީކޭއަށް ބާރު ބޮޑުވެ ދިގު ކިޔޫތައް ހަދަމުންދާ އިރު އައިޖީއެމްއެޗްގެ ހިދުމަތްތަކާ މެދު ވަރަށް ގިނަ ފަރާތަކަކުން ފަހަކަށް އައިސް ވަނީ ޝަކުވާ ކުރުން އިތުރުވެފަ އެވެ.