އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް އަލުން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ބިއުރޯގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝަކީލް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީ ކުރި ފަރާތްތަކަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލެވުނު ނަމަވެސް މަޖިލީސް އިންތިޚާބުގައި އެފަރާތްތަކަށް ވޯޓު ނުލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް އަލުން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށާއި އަލަށް ރަޖިސްޓްރީ ނުކުރާ ފަރާތަކަށް ވޯޓު ނުލެވޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލާފައިނުވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.

"ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ރަޖިސްޓްރީ ކުރުމަށް އަދި ފުރުސަތު ހުޅުވައެއް ނުލާ. ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލުމުން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ވޯޓު ލެވޭނީ،" ޝަކީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން އަންނަނީ ޕްރައިމަރީ ބާއްވަމުންނެވެ. މިހާތަނަށް ބޭއްވި ޕްރައިމަރީތަކުގައި ގިނަ ދާއިރާތަކަށް ކުރިމަތިލައްވާނެ ކެންޑިޑޭޓުން ވަނީ ހޮވާފަ އެވެ.

މިހާތަނަށް ޕްރައިމަރީ ނުބާއްވާ ދާއިރާތަކުގެ ވޯޓުލުން އޮންނާނެ ދުވަހެއް އެމްޑީޕީން އިއުލާނެއް ނުކުރެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ޓިކެޓުގައި، ސަރުކާރު ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އިން ވެސް އެ ދެ ޕާޓީގެ ޓިކެޓުގައި، ސަރުކާރު ކޯލިޝަންގެ ފަރާތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ހުރިހާ ކެންޑިޑޭޓުން އަދި ހޮވާފައެއް ނުވެއެވެ.