01 Feb 2014, 14:05
ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން އިސްލާމިކް ފައުންޑޭޝަނުން އިންތިޒާމު ކޮށްގެން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން ބުނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް ސަލްޓަންޕާކްގައި ބާއްވާ ކުޑަކުދިންގެ ހަވީރަކީ ނެޝެނަލް ލައިބްރަރީއާ ގުޅިގެން ބާއްވާ ހަވީރެއް ކަމަށެވެ.
އެ ހަވީރުގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވާއިރު، އެތަނުގައި އެމްއެންޑީއެފްއާއި ޕޮލިހުންގެ ސްޓޯލްތަކެއް ވެސް ހިމެނެނޭ ކަމަށް އިސްލާމިކް ފައުންޑޭޝަނުން ބުންޏެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅޭ މައުލޫމާތުދީ ކުޑަކުދިން އިތުރަށް ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބާއްވާ ހަވީރުގައި ތަފާތު ކުޅިވަރުގެ 10 ސްޓޯލްވެސް ހިމެނޭނެ ކަމަށް އެޖަމިއްޔާއިން ބުނެ އެވެ.
މާދަމާ އޮންނަ ހަވީރުގައި ކެންޓީނުގެ އިތުރުން ޕޮލިހުންނާއި ސިފައިންގެ އުޅަނދުތައް ދައްކާލުން އޮންނާނެ އެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު ވެސް ވަނީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފަ އެވެ.