މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރުގެ ފަހު ތިން މަހު ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. އެގޮތުން ހިއްސާއަކަށް ހަތް ރުފިޔާގެ ގެއްލުމެއް ވަނީ ވެފަ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ވިޔަފާރި ކުންފުނިން އިއްޔެ ނެރުނު މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 1.4 މިލިއަން ޑޮލަރު ވަނީ ގެއްލުންވެފަ އެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެކުންފުންޏަށް ވަނީ 1.2 މިލިއަން ޑޮލަރު ގެއްލުންވެފައިވެ އެވެ.

އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 1.6 މިލިއަން ޑޮލަރު ލިބިނު ނަމަވެސް ހިންގުމުގެ ހަރަދަށް ކެނޑުމުން ހަތަރު ލައްކާގެ ގެއްލުމަކާއި ވަނީ ކުރިމަތިވެފަ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިންމާލާފައި ވަނީ ހިއްސާއަކަށް 0.46 ޑޮލަރު (ހަތް ރުފިޔާ) ގެއްލުންވެފައިވެ އެވެ.

އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ބޮޑު ގެއްލުމަކާ ކުރިމަތިވި އިރު، އެ ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުންވާ ހެރެތެރެ ރިސޯޓު ވިއްކާލުމަށް މިހާރު ވަނީ ނިންމާފަ އެވެ. އައްޑޫގައި ހިންގާ 55 މިލިއަން ޑޮލަރުގެ ރިސޯޓް، ހެރެތެރެ ސިންގަޕޫރު ކުންފުންޏަކަށް 33.3 މިލިއަން ޑޮލަރަށް ވިއްކާލުމަށް ނިންމާފައި ވަނީ މިމަހުގެ ތެރޭގަ އެވެ. ނަމަވެސް ކޯޓް އިން މިހާރު ވަނީ އެކަން ވަގުތީ އަމުރަކުން ހުއްޓުވާފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެފައި ވަނީ އެމްޓީޑީސީގެ ހިންގުމުގެ އުސޫލްތަކަށް ބަދަލު ގެނެސް އެކުންފުއްޏަކީ ފައިދާވާ ކުންފުންޏަކަށް މިސަރުކާރުން ހަދާނެ ކަމަށެވެ.