އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޮޒެއިޑް)ގެ ހިލޭ އެހީގެ ދަށުން އަންނަ އަހަރު މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕްސް 2015ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ 5:00 އަށެވެ.

އޮޒެއިޑްގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ސްކޮލާޝިޕް ކޯޑިނޭޓާ ޑރ. އިބްރާހީމް ހަސަން (ޗަބީ) ސަން އަށް މިއަދު ވިދާޅުވީ، އޮސްޓްރޭލިއާ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް އެހީތެރިވެދިނުމުގެ ގޮތުން މިފަހަރު ވެސް ވަނީ ޕީއެޗްޑީ، އާއި ފުރަތަމަ ޑިގްރީ، އަދި މާސްޓާޒް ލެވެލަށް ކިޔެވުމަށްތަފާތު ތިން ދާއިރާއަކުން ފުރުސަތު ހުޅުވާލައިފައި ކަމަށެވެ. އެގޮތުން ފުރުސަތު ހުޅުވާލާފައިވާ ދާއިރާ ތަކުގެތެރޭގައި ހިމެނެނީ، އެޑިއުކޭޝަންއާއި ސަސްޓެއިނަބަލް ޑެވެލޮޕްމަންޓާއި ގަވަނަންސް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗަބީ ވިދާޅުވީ، ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުއްދަތު ހަމަވުމުގެ ކުރިން ފޯމް ހުށަހެޅުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަން ޖެހޭނެ ކަމަށެވެ. އަދި ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާ އެވޯޑް އޮފީހުންނާއި އަދި ވެބްސައިޓް www.australiaawardsmaldives.org އިން ލިބެން ހުންނާނޭ ކަމަށެވެ.

މިފަހަރުގެ އޮޒެއިޑް ކޯސްތައްދޭ އިރު، މާސްޓާޒް ޑިގްރީ އަށް ކިޔަވަން އެދޭ ފަރާތްތަކުން ނަމަ ޑިގްރީ ނިމޭތާ އަހަރު ވެފައިވުން ހިމެނެ އެވެ. އަދި ޕީއެޗްޑީ އަށް ކިޔަވަން އެދޭ ފަރާތްތަކުން ނަމަ، މާސްޓާޒް ނިންމުމަށް ފަހު ރާއްޖޭގައި ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތަކަންވުން ވެސް ޝަރުތުކޮށްފައިވެ އެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕްސް 2014ގެ ދަށުން ފީއެޗްޑީއަށް ކިޔެވުމުގެ ދެ ފުރުސަތަކާ އެކު ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީއަށް މަތީ ތައުލީމު ހާސިލްކުރުމަށް 33 ފުރުސަތު ދީފައިވެ އެވެ.


ރާއްޖޭގެ ސަރުކާރާއި ސަރުކާރު ނޫން ތަންތަނާއި އަމިއްލަ ފަރުދުންންނާއި އެކިއެކި މުއައްސަސާތައް ތަރައްގީކޮށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ވަކި ދާއިރާތަކަކުން މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތުތައް ދެމުން ގެންދަވަ އެވެ.

އޮޒެއިޑްގެ ދަށުން ލިބޭ މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތުތަކަކީ މުޅިންހިލޭ ލިބިދޭ ފުރުސަތުތަކެކެވެ. އަދި އޮޒެއިޑްގައި ކިޔަވަންދާ ފަރާތްތަކަށް ކޯސްފީގެ އިތުރުން، ވިސާގެ ކަންތަކާއި ކެއިންބުއިމާއި ހުރުމާއި ހެލްތު އިންޝުއަރެންސާއި އަދިވެސް އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ހަރަދުކުރުމަށް އެލަވަންސެއް ވެސް ކަނޑައަޅާފައި އެވެ.