01 Feb 2014, 11:51
ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ޖެނުއަރީ 30 އިން ފެބްރުއަރީ ދޭކަށް ކުރިއަށް ގެންދާ، އީސްޓަން މެޑިޓަރޭނިއަން އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ޓްރެވަލް ފެއާ (އީއެމްއައިޓީޓީ) 2014ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 24 ފަރާތަކުން ވަނީ އީއެމްއައިޓީޓީގައި ބައިވެރިވެފަ އެވެ.
އެމްއެމްޕީއާރުސީ އިން ބުނީ، އިސްތަންބޫލްގައި މިހާރު ކުރިއަށްދާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު މުސްތަފާ މުހައްމަދު ކަމަށެވެ. އަދި މިދަރުތުގައި ސްޓޭޓް މިނިސްޓަރު މުސަތަފާ، ތުރުކީގެ ޓޫރިޒަމް މިނިސްޓްރީގެ އަންޑަސެކްރެޓަރީ، މރ. މެސުތު އުޒްބެކްއާއި އަދި އެގައުމުގެ ޓޫރިޒަމް މިނިސްޓްރީގެ ހެޑްއޮފް ޑިޕާޓްމަންޓް އޮފް ފޮރިންއެފެއާޒް، މރ. މިހާތު ބައިޒަންއާއި ރާއްޖެއިން ތުރުކިއަށް ކަނޑުއަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސަލް ޖެނެރަލްއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އީއެމްއައިޓީޓީ އަކީ ޔޫރަޕްގައި ބޭއްވޭ ފަސްވަނައަށް އެންމެ ބޮޑު ޓޫރިޒަމް ފެއާ އެވެ. މި ފެއާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އެދާއިރާގެ ގިނައަދެއްގެ ހުނަރުވެރިން ބައިވެރިވާ ފެއާއެކެވެ.
އީއެމްއައިޓީޓީ އިން ލާފަކުރާގޮތުގައި މިއަހަރުގެ ފެއާއަށް ކުރީ އަހަރަށްވުރެ ބޮޑު ތަރުހީބެއް ލިބޭނޭ ކަމަށް އުންމީދުކުރެ އެވެ. މި ފެއާގައި ބައިވެރިވުމުން ތުރުކީގެ ފަތުރުވެކަމާ ގުޅޭ ތަފާތު މައުލޫމާތުތައް ލިބުމުގެ އިތުރުން އެގައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި އިސްވެންސްޓް ކުރާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ އެވެ.
އާބާދީގައި 73.7 މިލިޔަން މީހުން ދިރިއުޅޭ ތުރުކީއަކީ، ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު އިގްތިސާދެއް މިވަގުތު އޮތް ގައުމެވެ. ދެ ހާސް އެގާރަ ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އެގައުމުގެ ޖީޑީޕީ ގްރޯތު ރޭޓް 11 ޕަސެންޓުގައި ހިފަހައްޓައިލި ތުރުކީ ވަނީ އެއަހަރުގެ ދުނިޔޭގެ އެންމެ ރަނގަޅު އިގްތިސާދެއް އޮތް ގައުމުގެ ގޮތުގައި ރޭންކު ކުރެވިފަ އެވެ. އަދި އެގައުމަކީ ޖީ20 ގެ ވެސް މައިގަނޑު އެއް އިގްތިސާދު އެވެ.
ރާއްޖޭގެ ޓޫރިޒަމް މާކެޓް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު ތުރުކީ އަކީ ވެސް ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ ގައުމެކެވެ. އެގޮތުން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މިދިޔަ އަހަރު ތުރުކީން ރާއްޖެއައި ފަތުރުވެރިންގެ އަދަދު 8459ގައި ރެކޯޑުކުރެވިފައިވާ އިރު މިއީ އޭގެ ކުރީގެ އަހަރާ ބަލާއިރު 83.3 ޕަސެންޓުގެ ކުރިއެރުމެކެވެ.