01 Feb 2014, 11:38
މާލެއިން ފުރައިގެން ފ. ފިލިތެޔޮ ރިސޯޓަށް 12 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއްގައި ޖެހި އެކްސިޑެންޓުވެ، ދޯނި އަޑިއަށްދިއުމުން ވެސް، މަޑުނުކޮށް ދިޔަ ދޯނީގެ ފަޅުވެރިން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ކުމެރި" ނަމަކަށް ކިޔާ އެ ދޯނީގެ ފަޅުވެރިން ދޫކޮށްލީ ރޭގެ ވަގުތެއްގައި ކަމަށާއި އެމީހުން ދޫކޮށްލުމުގެ ކުރިން ތަހުގީގަށް އެމީހުންގެ ބަޔާން ނަގާފައިވާ ކަމަށެވެ.
ރޭ 7:30 ހާއިރު އެ ދޯނި ހޯދައި ފަޅުވެރިން ފުލުހުން ހައްޔަރު ކުރީ ހުޅުމާލޭ ފަޅުތެރޭގައި އޮއްވަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 4:30 ހާއިރު ހިނގި އެކްސިޑެންޓްގައި ލިބުނު ގެއްލުމުގެ ސަބަބުން އދ. ދިގުރަށުގެ އިރުން 15 މޭލު ބޭރުން، ގާތްގަނޑަކަށް 60 ފޫޓުގެ "3 އޭ 28″ ނަމަކަށްކިޔާ ދޯނި ވަނީ އަޑިއަށް ގޮސްފަ އެވެ. އެ ދޯނި އަޑިއަށް ދިޔައިރު އޭގައި ތިބީ އަށް ފިރިހެނަކާއި ދެ އަންހެނަކާއި ދެ ކުޑަކުދިންނެވެ. އެމްއެންޑީއެފުން ވަނީ އެ އެންމެން ސަލާމަތް ކޮށްފަ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.