01 Feb 2014, 11:20
ރުކަކުން ވެއްޓި ރިޒޯޓެއްގެ މުއައްޒަފެއްގެ މައިބަދައިން ޑިސްކެއް ނައްޓައިގެން ގޮސްފި އެވެ.
އިއްޔެ މެންދުރު 2:00 އެހާކަންޙާއިރު ރުއް ސާފުކުރަން އުޅެނިކޮށް ރުކުން ވެއްޓިފައި ވަނީ "ވަން އެންޑް އޮންލީ" ރީތި ރަށް ރިޒޯޓްގެ މުއައްޒަފެއް ކަމަށްވާ ހއ. ދިއްދޫ، އިސްމާއިލް އަލީ ކަމަށް އެރިސޯޓުން "ސަން" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެ އެވެ.
ރީތި ރަށް ރިޒޯޓުން ސަން އަށް މައުލޫމާތުދިން މީހަކު ބުނީ އިސްމާއިލް އަލީ ވެއްޓިފައި ވަނީ ގާތްގަނޑަކަށް 35 ފޫޓު ހުންނަ ވަރުގެ ރުކަކުން ކަމަށާއި ވެއްޓި ބިންމަތީގައި ޖެހުމުގެ ސަބަބުން އިސްމާއިލް އަލީގެ މައިބަދައަށް ގެއްލުންވެފައިވާ ކަމަށެވެ.
އޭނާ ބުނީ އިސްމާއިލް އަލީ ވެއްޓުނު އިރު، ހިފަހައްޓައިގެން ހުރެވުނީ ކުރިން ކަނޑާލާފައިވާ ފަންގަނޑެއްގެ ބުޑުގައި ކަމަށާއި އެހެންވުމުގެ ސަބަބުން ކައްސާލައިގެން ވެއްޓުނީ ކަމަށެވެ.
މިކަން ކަށަވަރުކުރުމަށް ރީތި ރަށް ރިޒޯޓަށް ގުޅާލުމުން އެރިޒޯޓްގެ މާކެޓިންގް ޑިޕާޓްމަންޓުން ބުނީ ރީތި ރަށް ރިޒޯޓުގައި އެފަދަ ހާދިސާއެއް ހިނގާފައިނުވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ރީތި ރަށް ރިޒޯޓުން ބުނެ އެވެ.
އިސްމާއިލް އަލީގެ ބޭބެ އަބްދުލްގަފޫރު އަލީ ބުނީ ރުކަކުން ވެއްޓި އިސްމާއިލް އަލީއަށް އަނިޔާވެފައިވާ ނަމަވެސް އެ ހާދިސާ ހިނގާދިޔަ ގޮތް ކިޔާދެވެން ނެތް ކަމަށެވެ.
އަބްދުލްގަފޫރު ބުނީ މައިބަދައަށް ގެއްލުންވެފައިވާ އިސްމާއިލް އަލީ އަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ރޭގެ ވަގުތެއްގައި މައިބަދައިން ނެއްޓުނު ޑިސްކް ރަނގަޅުކުރުމަށް އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބުކަމަށް ޑޮކްޓަރުންނާ ހަވާލާދީ އަބްދުލް ގަފޫރު އަލީ ބުނެ އެވެ.
"މިހާރު ވޯޑަށް ބަދަލުކޮށްފައި ވަނީ. ވާހަކަ ވެސް ދެއްކޭ. ދެން ކުޑަކޮށް ފައިގެ ހަރަކާތް ވެސް މިހާރު ކުރެވޭ. ޑޮކްޓަރުން ބުނަނީ ހިނގޭނެ ކަމަށް،" އިސްމާއިލް އަލީގެ ބޭބެ އަބްދުލް ގަފޫރު އަލީ ކިޔައިދިނެވެ.
އިސްމާއިލް އަލީގެ މައިބަދައިގެ އޮޕަރޭޝަނަށް ފަހު، ވޯޑަށް ބަދަލުކޮށްފައިވާ ކަން އައިޖީއެމްއެޗުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގެ މަހުގެ ފަހުކޮޅު ރީތި ރަށް ރިޒޯޓްގެ ގުދަނެއްގައި ރޯވެ، ބަޑިބޭސްތަކެއް ގޮވުމުގެ ސަބަބުން ބިދޭސީއަކު ފިހިފައިވެ އެވެ.