01 Feb 2014, 11:04
ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން ދިޔަ ފްރާންސްގެ ޒުވާން މިޑްފިލްޑާ ޔޫހާން ކަބާއޭ ތިން އަހަރާ ހަމަމަސް ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް ބަދަލުވެއްޖެ އެވެ.
ޕީއެސްޖީއަށް ބަދަލުވުމަށްފަހު ކަބާއޭ ބުނީ، ފުޓްބޯޅައިގެ ކެރިއަރުގައި ތަފާތު މަންޒިލްތަކަށް ދަތުރުކުރަންޖެހޭނެ ކަމަށާއި ޕީއެސްޖީއާއެކު ވެވުނު އެއްބަސް ވުމުގެ ދަށުން ދެން މަސައްކަތް ކުރާނީ އެ ކްލަބަށް ކާމިޔާބީތައް ހޯދައިދިނުމުގައި ކަމަށެވެ. އަދި ޕީއެސްޖީއިން ހުށަހެޅި ހުށަހެޅުން ތަކާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށް ވެސް ކަބާއޭ ބުނެފައި ވެއެވެ.
"އަހަރެންގެ ޑްރީމެއް ޕީއެސްޖީއަށް ބަދަލުވުމަކީ. މިއަދު މިކަން ވެސް މިއޮތީ ހަގީގަތަކަށް ވެފަ. އަހަރެން މިހާރު މިހުރީ ޕީއެސްޖީއާކު ކާމިޔާބީތައް އެކުލަބަށް ހޯދާ ދިނުމުގެ އުންމީދުގައި" ކަބާއޭ ބުންޏެވެ.
ފްރާންސްގެ ލިލްއިން 2011 ވަނަ އަހަރު ނިއުކާސަލްއަށް ބަދަލުވި ކަބާއޭ، ޕީއެސްޖީއާކު ކޮންޓްރެކްޓު ހެދުމުން އޭނާގެ ފޭނުންނާއި ޕީއެސްޖީގެ ގިނަ ސަޕޯޓަރުން ވަނީ ކަބާއޭއަށް މަރުހަބާ ކިޔައިފަ އެވެ.