01 Feb 2014, 10:48
އަތޮޅުތަކުގައި ދެމުން އަންނަ ފެރީގެ ހިދުމަތާބެހޭ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ލިބޭނޭ އިންތިޒާމު ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނެޝެނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) އާ ގުޅިގެން އުފެއްދި ސޮފްޓްވެއާ މެދުވެރިކޮށް ފެރީތަކުގެ ތާވަލު ބަލާލެވޭނެ ކަމަށެވެ.
އަލަށް ތައާރަފްކުރި އެ ޚިދުމަތުގެ ދަށުން ހުޅުމާލެ، ވިލިމާލެ ފެރީތަކުގެ ތާވަލުތައް ނުބެލޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިއީ ހަމައެކަނި ޕަބްލިކް ފެރީތަކަށް އަމާޒުކޮށް ހަމަޖައްސާފައިވާ ކަމެއް. މިސާލަކަށް ފެރީއެއް ކެންސަލް ވިޔަސް އެސްއެމްއެސްކޮށްލައިގެން ބަލާލެވޭނެ. އެސްއެމްއެސް ނުކޮށް ނޭންގޭނެ،" ޓްރާންސްޕޯޓް އޮފިޝަލު ވިދާޅުވި އެވެ.
އެ ޚިދުމަތް ހޯދުމަށް އުރީދޫ އަދި ދިރާގު ކަސްޓަމަރުން ވެސް އެސްއެމްއެސް ކުރަން ޖެހޭނީ 3434 އަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ ފެރީގެ ހިދުމަތް މިވަގުތު ދެމުން ނުދާ ތިން އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ ވެސް ފެރީގެ ތާވަލް އެސްއެމްއެސް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.