ރާއްޖެ އިން ބޭރުކުރާ މަހަށް ކުރިން ސަރުކާރަށް ދައްކަމުން އައި "ރޯޔަލްޓީ" ދަންކަން ނުޖެހޭ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން ކޫއްޑު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުން ގަންނަމުން އައި ފިނިކުރި މަހުގެ އަގު ބޮޑުކޮށްފި އެވެ.


ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ބުނީ މިއަދުން ފެށިގެން އެ ކުންފުންޏަށް ފިނިކުރި މަސް ގަންނަ ރޭޓަށް ގެނައި ބަދަލާ އެކު ބައި ކިލޯއިން ދަށުގެ ކަނޑުމަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން ގަންނާނީ 2.75ރ. އަށް ކަމަށާއި ބައި ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނީ 12.25ރ. އަށް ކަމަށެވެ. އަދި 12 ކިލޯއިން މަތީގެ ކަންނެލި ގަންނާނީ 13.25ރ. އަށް ކަމަށެވެ.  ފިނުކުރި މަހުގެ ތެރެއިން އަގަށް ބަދަލު ގެނެސްފައި ވަނީ ކުރިން ގަންނަމުން ދިޔަ ބައި ކިލޯއިން ދަށުގެ ކަނޑުމަހާއި ބައި ކިލޯއިން މަތީގެ ކަންނެލި މަހާއި 12 ކިލޯ އިން މަތީގެ މަހުން 25 ލާރި ބޮޑު ކުރުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.


ކޫއްޑޫގެ އޮޕަރޭޝަން ހެޑް އަބްދުހާދީ މުހައްމަދު މިއަދު ވިދާޅުވީ އެ ކުންފުނިން ގަންނަމުން އަންނަ މަހުގެ އަގަށް ބަދަލުގެނައީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަސްވެރިކަމާ ބެހޭ ސިޔާސަތަށް ގެންނެވި ބަދަލާ ގުޅިގެން ކަމަށާއި އެ ގޮތުން ރާއްޖެ އިން ބޭރުކުރާ މަހަށް ސަރުކާރަށް ދައްކަމުން ދިޔަ ރޯޔަލްޓީ ދައްކަން ނުޖެހޭ ގޮތަށް ހަމެޖެއްސެވުމާ ގުޅިގެން ކަމަށެވެ.


ކޫއްޑޫ އިން ފިނިކުރި މަސް ގަންނަ އަގަށް ބަދަލުގެނައި ކަމުގައިވީ ނަމަވެސް ފިނިނުކުރާ މަހުގެ އަގަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.


އެ ކުންފުނިން ބުނީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރި ކަމުން ބާނާ ކަޅުބިލަ މަހަށް ބައިނަލްއަގުވާމީ ބާޒާރުގައި ހާއްސަ އަގެއް ލިބިފައިވާ ކަމަށެވެ. އަދި ރާއްޖެ އިން ބާނާ މަސް ތާޒާކަމާއި ކޮލިޓީއާ އެކު ބައިނަލްއަގުވާމީ ބާޒާރަށް ފޯރުކޮށްދެވޭނީ ރާއްޖޭގައި މަސްވެރިން ކުރަމުން އަންނަ އާދަތައް ދާއިމީ ގޮތެއްގައި ދެމަހައްޓައިގެން ކަމަށެވެ.