01 Feb 2014, 10:38
ސަރުކާރު ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ކުރީގެ މެމްބަރު ނަހުލާ އަލީ ހަމަޖައްސަވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ނަހުލާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ޓިކެޓު ކަށަވަރުވިކަން ޖުމްހޫރީ ޕާޓީން އޭނާ އަށް އަންގާފައި ވަނީ އިއްޔެކަމަށެވެ. އެގޮތަށް އަންގާފައި ވަނީ އޭނާއާ އެކު އެ ދާއިރާއަށް ކުރިމަތިލެއްވި އަނެއް ދެ ބޭފުޅުންގެ ހާޒިރުގައި ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
އިންތިޚާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކުގައި އިއްޔެ ސޮއިކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕޮލިޓިކްސް އާއި އިކޮނިމިކްސް އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ނަހުލާ އަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ހަމައެކަނި އަންހެން ބޭފުޅާ އެވެ.
ނަހުލާ އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.