01 Feb 2014, 10:24
އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމުގެ ކަންތައް އޮބްޒާވްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިންތިޚާބު އޮބްޒާވް ކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގެ ކުރިން ކަމާބެހޭ ލިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އިންތިޚާބު އޮބްޒާވްކުރުމަށް އެދި ހުށަހަޅާ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އިންތިޚާބު އޮބްޒާވްކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މަދަނީ ޖަމްއިއްޔާތަކުންނާއި އަމިއްލަގޮތުން ހުށަހަޅާ ފަރާތެއްނަމަ އެމީހަކު ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި އޮވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
މާލެއިންނަމަ އެކަމަށް އެދޭ ފޯމް ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ކަމަށާއި އަތޮޅު ތެރެއިންނަމަ އެ އަތޮޅެއްގައި ގާއިމްކޮށްފައިވާ އިލެކްޝަންސް ޔުނިޓުތަކަށް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.