01 Feb 2014, 10:21
ފުލަމްގެ ބަލްގޭރިއާ ފޯވާޑް ޑިމިޓާ ބާބަޓޯފް، ލޯނު އެއްބަސްވުމެއްގައި ސީޒަން ނިމެންދެން ފްރާންސް ލީގު ވަންގެ މޮނާކޯއަށް ސޮއިކޮށްފި އެވެ.
އުމުރުން 32 އަހަރުގެ ސްޓްރައިކާ ފުލަމްއާ އެކު ހަދާފައިވާ އެއްބަސްވުން މި ސަމާގައި ހަމަވާއިރު އޭނާ މިސީޒަންގައި ފުލަމްއަށް ކުޅުނު 19 މެޗުގައި އެޓީމަށް ފަސް ލަނޑު ޖަހައިދީފައިވެ އެވެ. ކުރީގެ ރިޕޯޓުތަކުގައިވާ ގޮތުން، ކޮންޓްރެކްޓް ހަމަވުމުން ބާބަޓޯފް ނިންމާފައި ވަނީ، އެނބުރި އޭނާގެ ކުރީގެ ކްލަބު، ޓޮޓެންހަމްއާ ގުޅުމަށެވެ.
މޮނާކޯއިން ބާބަޓޯފް ގެންގޮސްފައިވާއިރު މިދިޔަ އަހަރުގެ މޭމަހު، 50 މިލިޔަން ޕައުނޑުގެ ފީއަކަށް އެތުލެޓިކޯ މެޑްރިޑްއިން އެޓީމަށް ގެންދިޔަ ކޮލަމްބިއާ ފޯވާޑް، ރަޑެމަލް ފަލްކާއޯ ވަނީ، އަނިޔާގެ ސަބަބުން އަންނަ ސީޒަންގެ ނިޔަލަށް ކުޅުމާ ދުރަށްދާންޖެހިފަ އެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ބާބަޓޯފް، 2012 ވަނަ އަހަރު ފުލަމްއާ ގުޅުނުފަން އޭނާ އެޓީމަށް ކުޅުނު 51 މެޗުގައި ޖުމުލަ 19 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.
ފުލަމްއަށް 11 މިލިޔަން ޕައުންޑަށް ގްރީކް ފޯވާޑް ކޮންސްޓެންޓިނޯސް މިޓްރޮގްލޫ އާއި ލޯނު އެއްބަސްވުމެއްގައި ޓޮޓެންހަމް މިޑްފީލްޑަރު ލެވިސް ހޮލްބީ ގެނެސްފައިވާއިރު ޕްރިމިއާލީގުގައި އެޓީމު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ.
މި ސީޒަންގައި ކުޅުންތެރިން ހޯދުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ މޮނާކޯ އޮތީ، ފްރާންސް ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީއަށްވުރެ ހަ ޕޮއިންޓް މަދުން ލިބި ލީގު ތާވަލުގެ ދެވަނައިގަ އެވެ.