ވޮޝިންޓަން (ފެބްރުއަރީ 1): ޢަސްކަރީ ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގައި ޗައިނާ އެމެރިކާއަށް ގޮންޖަހަމުން ގެންދާކަމަށާ މިދާއިރާގައި އެމެރިކާއާ ޗައިނާ ފައިހަމަ ކުރަމުން ގެންދާކަމުގެ އިންޒާރު އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) އިން ދީފި އެވެ.

ޕެންޓަގަންގެ ޢަސްކަރީ ޓެކްނޮލޮޖީ ތަރައްޤީކުރުމާ ބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ ފްރޭންކް ކެންޑަލް ވިދާޅުވީ ހަތިޔާރާއި ޢަސްކަރީ ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ އެހެން ގައުމުތަކުގެ މައްޗަށް އެމެރިކާ ކުރިހޯދާފައި އޮންނަ އޮތުމަށް ޗައިނާ ވަރަށްބޮޑަށް ގޮންޖަހަމުން ގެންދާކަމަށާއި ޗައިނާ ދަނީ މިދާއިރާ އިން ޢިލްމީ ގޮތުންނާއި ރީސާޗްގެ ގޮތުން އަވަސްކުރިއެރުންތަކެއް ޙާސިލް ކުރަމުން ކަމަށެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޢަސްކަރީ ކަންތައްތަކާ ބެހޭ ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން ކެންޑަލް ވިދާޅުވީ ޢަސްކަރީ ޓެކްނޮލޮޖީގައި ވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ މައްޗަށް އެމެރިކާ ކުރިހޯދާފައި އޮންނައޮތުމަކީ ދާއިމީ ކަމެއްކަމަށް ބަލައިގެންނުވާނެ ކަމަށާ ފާއިތުވި 60 އަހަރު އެމެރިކާ ވަނީ މިދާއިރާ އިން ދުނިޔޭގެ އެހެން ގައުމުތަކުގެ މައްޗަށް ހޯދާފައިވާ ކުރިއެރުން އެގޮތުގައި ދެމެހެއްޓުމުގައި ކާމިޔާބު ހޯދާފަ އެވެ. ނަމަވެސް ޗައިނާ އެގައުމުގެ ސިފައިންގެ ލަޝްކަރުތައް ޒަމާނީ ކުރުމަށާއި ޢަސްކަރީ ޓެކްނޮލޮޖީ ތަރައްޤީކުރުމަށް ކުރާޚަރަދުތައް އަހަރުން އަހަރަށް ބޮޑުކޮށް މިކަމުގެ ހަގީގަތްތައް ފޮރުވަމުންދާ ދިޔުމަކީ އެމެރިކާއަށް އޮތް ހަގީގީ ގޮންޖެހުމެއް ކަމަށް ޕެންޓަގަންގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
ޢަސްކަރީ ދާއިރާގައި ޗައިނާ އެމެރިކާއަށް ގޮންޖަހަމުން ގެންދާ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި އެމެރިކާ ފާހަގަކޮށްފައިމިވަނީ އެމެރިކާގެ މަދަނީ ތަރައްޤީއަށް ކުރާ ޚަރަދުތައް ބޮޑުކުރުމަށްޓަކައި ޢަސްކަރީ ޚަރަދުތައް ކުޑަކުރުމުގެ ޕްލޭނެއް ތަންފީޒު ކުރަންފަށާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ޢަސްކަރީ ބަޖެޓް ވަނީ 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް 700 ބިލިޔަން އެމެރިކާ ޑޮލަރުން 500 ބިލިޔަން އެމެރިކާ ޑޮލަރަށް ކުޑަކޮށްފަ އެވެ. މިއަހަރު އެމެރިކާގެ ޢަސްކަރީ ބަޖެޓަކީ 500 ބިލިޔަން އެމެރިކާ ޑޮލަރެވެ. ޗައިނާވަނީ އެގައުމުގެ ޢަސްކަރީ ބަޖެޓް، 2008 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް 50 ބިލިޔަން ޑޮލަރުން 120 ބިލޔަން އެމެރިކާ ޑޮލަރަށް މަތިކުރަމުން ގެންދިޔަކަން ހާމަކޮށްފަ އެވެ. ނަމަވެސް އެމެރިކާ ލަފާކުރާގޮތުން ޗައިނާ ހާމަކުރަމުން ގެންދަނީ އެގައުމުގެ ޢަސްކަރީ ކަންތައްތަކަށް ހޭދަކުރާ ހަގީގީ ޚަރަދުގެ ވަރަށް ކުޑަމިންވަރެކެވެ.

ޗައިނާ ޢަސްކަރީ ކަންކަމަށް ކުރާކަމަށް އިޢްލާންކުރާ ޚަރަދުގެ މިންވަރަށް ވުރެ އެތަށް ގުނައެއް އިތުރަށް އެގައުން ޚަރަދުކުރާ ކަމަށް އެމެރިކާ ލަފާކުރެ އެވެ. މިގޮތުން 2014 ވަނައަހަރު ވެސް ޗައިނާ އިން 300 ބިލިޔަން ނޫނީ 400 ބިލިޔަން އެމެރިކާ ޑޮލަރު ޢަސްކަރީ ކަންތައްތަކަށް (ސިފައިންގެ ލަޝްކަރުތައް ޒަމާނީ ކުރުމަށާއި ޢަސްކަރީ ހަތިޔާރާއި ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށާއި އެކަމުގެ ރީސާޗްތަކަށް) ޚަރަދުކުރާނެ ކަމަށް ލަފާކުރާ ކަމަށް ޕެންޓަގަން އިން ބުނެ އެވެ. (ނޫސްއެޖެންސީތައް)