މިއީ ދުނިޔޭގައި މަޝްހޫރު ނަމެކެވެ. ދަތުވެރިން އެންމެ ދާން އެދޭ މަންޒިލުތަކުގެ ލިސްޓްގެ ކުރީގައިވާ ގައުމެކެވެ. ވަރަށް ބޮޑު އަގެއް ދީގެން ނޫނީ ޗުއްޓީ ހޭދަ ނުކުރެވޭ ތަނެކެވެ. ރާއްޖެ އަށް ތައުރީފު ކުރާ ނަމަ މިފަދަ އެތައް ޖުމްލައެއް ލިޔަން ޖެހޭނެ އެވެ. މިތަން ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭ އެއް ސަބަބަކީ މި އެވެ. އާމްދަނީ ލިބެން އޮތީ ފަރުތައް ސަލާމަތުން ބާއްވައިގެންނެވެ. ގޮނޑުދޮއްތައް ވެސް މެ އެވެ. ރާއްޖެ އަށް އެންމެ ގިނަ ފައިސާ ލިބޭ ޓޫރިޒަމާއި އެންމެ ގިނަ ބަޔަކަށް އާމްދަނީ ލިބޭ މަސްވެރިކަން ވެސް ދެމެހެއްޓެން އޮތީ އޭރުންނެވެ.

ކަން މިހެން ކުރަން ވެފައި އޮތަސް ކަން ވަނީ މުޅިން އެހެން މަގަކުންނެވެ. ގޮނޑުތައް އޮތީ ނުހަނު މުޑުދާރުކޮށެވެ. ފަޅުތައް ވަނީ ކިލަނބުވެފަ އެވެ. ދިރުންތައް ވަނީ ނުރައްކަލުގެ ތެރޭގަ އެވެ. ހުރިހާ ވެސް މައްސަލައަކީ ކުންޏެވެ. އުފެދޭ ކުންޏަށް ވާން ޖެހޭ ގޮތް ނުވުމެވެ. މިޒަމާނުގެ ބަހުރުވައިން ބުނާ ނަމަ ކުނި ރަނގަޅަށް " މެނޭޖް" ނުކުރެވުމެވެ.

މިކަމާ ހަވާލުވެފައިވާ މިނިސްޓްރީގެ މިސްރާބު ރަނގަޅުކަމަށް ވެދާނެ އެވެ. "ކުނި މެނޭޖް ކުރުމުގެ ގަވައިދު" އެކުލަވާލައި، މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ގެޒެޓްކޮށްފަ އެވެ. އެގަވައިދަށް އަންނަ ހަފުތާގައި އަމަލުކުރަން ފަށާނެ އެވެ.

ގަވައިދު ކިތަންމެހާ ވެސް ރަނގަޅެވެ. ހަރުކަށްޓެވެ.
ކުނި މެނޭޖް ކުރުމުގެ ގަވައިދުގައި، އެގަވައިދާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ކަނޑައަޅާފައިވެ އެވެ. އެގޮތުން އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައި ވަނީ ކަނޑަށް ނުވަތަ މޫދަށް ކުނި އަޅާ ފަރާތްތަކަށެވެ. އެއީ 501 ރުފިޔާއިން ފެށިގެން 100،000000 (ސަތޭކަ މިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މިފަދަ ބޮޑެތި ޖޫރިމަނާތަކާ އެކު އަމަލުކުރަން ފަށާ ގަވައިދުގައި މަނާ ކަންތައްތަކުގެ އިތުރުން އެތައް ބަޔަކު ކުރަން ލާޒިމު ކުރާ އެތައް ކަމެއް ވެ އެވެ. ކުނި ރަނގަޅަށް މެނޭޖް ކުރުމަށް ބޭނުންވާނެ އިންތިޒާމްތައް ހަމަނުޖައްސާ ފަރާތްތައް ވެސް ކުށްވެރިވާނެ އެވެ.

ސުވާލު އުފެދެނީ ގަވައިދުގެ މޮޅު ދެރަކަމާ މެދުގައެއް ނޫނެވެ. ތަންފީޒުވުމާއި ނުވުމުގެ މައްސަލައިގަ އެވެ. ތަންފީޒު ވާނަމަ ސާފުތާހިރު ކަމަށް ނުހަނު ބާރުދޭ ގާނޫނެއް މިހާރުވެސް އެބަ އޮތެވެ. އެއީ އާއްމު އިޖުތިމާއީ މިންގަނޑުތަކުގެ ގާނޫނެވެ.

ކުނި އެޅުމާއި މަގުމައްޗަށް ކުޅު ޖަހައިފި ނަމަ 500ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބުނެ އެވެ. އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި ބުނެފައި ވަނީ މަގުމައްޗަށް ކުޅުޖެހައިފި ނަމަ އެ ގާނޫނުގެ ދަށުން އެ މީހަކާ މެދު ފިޔަވަޅު އެޅާނެ ކަމަށެވެ. އަދި އެފަދަ ކުށެއްގެ އަދަބު އެ ގާނޫނުގެ 43 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރަނީ 500ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ. ނަމަވެސް 2010 ވަނަ ތަސްތީގު ކުރި އެ ގާނޫނުގެ ދަށުން އެފަދަ ކުށެއް ކުރި މީހަކާ މެދު ފިޔަވަޅުއަޅައި އަދި ޖޫރިމަނާ ވެސްކޮށްފައިނުވެ އެވެ.
ކުނިމެނޭޖް ކުރުމާ ބެހޭ ގަވައިދު ތަންފީޒު ކުރެވިދާނެތޯ ސުވާލު ކުރެވެނީ މިފަދަ ސަބަބުތަކާ ހެދިއެވެ. ގަވައިދު ތަންފީޒުކުރުމުގެ ޒިންމާ އެންމެ ބޮޑަށް އެޅިފައިވާ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ( އީޕީއޭ) ބުނަނީ ވާނެ ކަމަށެވެ. އެގޮތުން ކުރަން ޖެހޭ މަޝްވަރާތައް ވެސް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އައީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާތައް ކުރަމުން. މާލޭ ސިޓީ ކައުންސިލާ އެލްޖީއޭ ( ލޯކަލް ގަވާނެންސް އޮތޯރިޓީ) އާ ފުލުހުންނާ ވެސް ވަނީ މަޝްވަރާކޮށް ނިމިފައި،" އީޕީއޭގެ ޑިރެކްޓަރް ޖެނެރަލް އިބުރާހިމް ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވައިދު ތަންފީޒު ކުރުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ފުރަތަމަ ދުވަހުން ފެށިގެން ހަމަޖެއްސުމުގައި ދަތިތަކެއް ހުރި ކަމަށް މަޝްވަރާ ކުރި ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް އޮތީ މާލީ ދަތިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"... ތައްޔާރު ވަމުން އަންނަނީ ހުރިހާ ފަރާތްތަކަކުން ވެސް. އެހެން ނަމަވެސް ދަތިތަކެއް ހުރިކަން ފާހަގަ ކުރޭ. އެންމެ ބޮޑަށް އޮތީ މާލީ ދަތިކަން،" އޭނާ ވިދާޅުވި އެވެ.

އެކަންތައްތައް އެހެން ހުރި ނަމަވެސް ގަވައިދު ތަންފީޒުކުރަން ފަށަން ކަނޑައަޅާފައިވާ ތާރތީހުގައި ތަންފީޒު ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަނާ ތަންތަނަށް ކުނި އަޅާ މީހުންނަށް ނަސޭހަތް ދިނުމާއި ފިޔަވަޅު އެޅުން ފަދަ ކަންތައްތައް އީޕީއޭއިން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނާފައި އޮތީ މަނާ ތަންތަނަށް ކުނި އަޅާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް، އެއީ ނަސޭހަތް ދިނުމާ ޖޫރިމަނާ ކުރުން ފަދަ ކަންތައްތަކައިގެން ފުރަތަމަ ކުރިއަށްދާން. ދެން އިންތިޒާމްތައް ހަމަޖެއްސުމުގައި ފައިސާގެ ދަތިކަން ހުރީމާ. އެކަންތައްތަކަށް ކޮންމެވެސް ވަރަކަށް ވަގުތު ދީގެން ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

އީޕީއޭއިން މަޝްވަރާ ކުރި ފަރާތްތަކުން ފާހަގަކޮށްފައި އެވާ ދަތި ކަމަކީ ރާއްޖޭގައި ރަނގަޅު ގޮތުގައި ކުނި މެނޭޖް ކުރުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހެވެ. އެވާހަކަ އެހެން ދައްކާތާ އަހަރުތަކެއް ފާއިތުވެ ހިނގައްޖެ އެވެ.
ރާއްޖޭގެ ރަށްތައް ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ޓޫރިޒަމް އިންޑަސްޓްރީން މިކަމަށް ސަމާލުކަން ދޭން ޖެހެ އެވެ. އިޖުތިމާއީ ޒިންމާ ނަގަން ޖެހެ އެވެ. އެހެނީ މިއީ އެ އިންޑަސްޓްރީގެ ދެމިއޮތުމާ ގުޅިފައިވާ ޚުތޫރަތްތެރި މައްސަލައެކެވެ.

ކުނި މެނޭޖް ކުރުމުގެ ގަވައިދުން މަންފާއެއް ކުރާނީ އެކަމަށް ހުރި ހުރަސްތައް ވެސް ނައްތާލެވިގެންނެވެ. ބައެއްގެ އިހުތިޔާރުގައި ނުވާ ކަމެއް، ޖޫރިމަނާ ކުރިޔަސް ނުކުރެވޭނެ އެވެ. ކުނި މެނޭޖް ކުރުމުގެ ގަވައިދު ފުރިހަމައަށް ތަންފީޒު ކުރުމަށް އަދި ރާއްޖެ ތައްޔާރެއް ނޫނެވެ. އެކަމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވެ އެވެ. އެފައިސާ ނުހޯދޭ ނަމަ ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދަށް ވެސް ވާނީ ހަމަ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނު ފަދަ، ހަމަ އެކަނި ކަރުދާހުގައި އޮންނަ ގަވައިދަކަށެވެ.