ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ ދިގު ރާސްތާ ޕްލޭން "ސެކަންޑް އިނިންގްސް" ރޭ އާންމު ކޮށްފި އެވެ.

ޣިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި ކްރިކެޓް ހަވީރުގައި މި ޕްލޭން އާންމުކޮށް ދެއްވީ އައިލެންޑް އޭވިއޭޝަންގެ ޗެއާމަން އަހުމަދު ޝަފީއު އެވެ.

މިއަހަރުން ފެށިގެން 2017 ގެ ނިޔަލަށް އެކުލަވާލާފައިވާ ކްރިކެޓް ބޯޑުގެ ސްޓްރެޓީޖިކް ޕްލޭނަކީ ކްރިކެޓަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީތައް ދަމަހައްޓާ، އިތުރު ކުރިއެންތަކެއް ހާސިލް ކުރުމަށް މަގު ކޮށައިދިނުމަށް އެކުލަވާލެވިފައިވާ ދިގު މުއްދަތުގެ ޕްލޭނެއް ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.

"ސެކަންޑް އިންނިގްސް" ގެ ނަން ދެވިގެން މި ނެރެވޭ ޕްލޭންގައި މައިގަނޑު ފަސް ދާއިރާއަކަށް ބޯޑުގެ މަސައްކަތްތައް އަމާޒުހިފުމަށް ނިންމާފައިވެ އެވެ. އެއީ ކްރިކެޓުން ހޯދިފައިވާ ކުރިއެންތައް ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، މަތީ ފެންވަރުގެ ކާމިޔާބީ ހާސިލް ކުރުމަށް މަސައްކަތްކުރުމާއި، ކްރިކެޓްގެ ހިންގުން ވަރުގަދަކޮށް، ކްރިކެޓް ކުރިއެރުމަށް އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމާއި، ކްރިކެޓަކީ ހުރިހާ އެންމެނަށްވެސް ކުޅޭވޭ ކުޅިވަރަކަށް ހެދުމާއި އަދި ކްރިކެޓް ގެ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށް ވެސް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ކުޅޭވޭ ވާދަވެރި ކުޅިވަރުތަކުގެ އެންމެ މަތީ ހަރުފަތަށް އެރުމާއި ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބީތައް ހާސިލްކުރުމުގެ ދުރު މުސްތަގުބަލްގެ ތަސައްވަރަކާއެކު އެކުލަވާލެވިފައި ޕްލޭންގެ ސަބަބުން ކުރިއަށް އޮތް ހަތަރު އަހަރު ކުރިކެޓްގެ ހިންގުމަށާއި، ކްރިކެޓް މުޅި ރާއްޖެ އަށް ފަތުރާލުމަށް މަގުފަހިވެގެން ދާނެ ކަމަށް ކުރިކެޓު ބޯޑުން މައުލޫމާތު ދެއެވެ.

ކުރިކެޓް ބޯޑުން ބުނީ، ވައިޑީޕީ ޕްރޮގްރާމް ހަރުދަނާވެ، ކްރިކެޓް އެކަޑެމީއެއްގެ ތެރެއިން އެ ޕްރޮގްރާމް ހިންގުމަށް މަގު ފަހިވެގެން ދާނެ ކަމަށާއި ހަމަ މިއާއެކު ރާއްޖެގައި ތިބި ހުނަރުވެރި އެތައް ކުޅުންތެރިންނަށް މަތީ ދަރަޖައިގެ ކާމިޔާބު ހާސިލްކުރުމަށް ބޭނުންވާ ތަމްރީނާއި ފުރުސަތުތައް ދެވިގެން ދާނެ ކަމަށެވެ. އަދި މި ޕްލޭންގެ މުއްދަތުގެ ތެރޭގައި ރާއްޖެގެ އިތުރު ސަރަހައްދުތަކެއްގައި ކްރިކެޓް ދަނޑުތައް ތަރައްގީކުރެވި، ކްރިކެޓަކީ މުޅި ރާއްޖޭގައި ކުޅެވޭ ކުޅިވަރަކަށް ހެދޭނެ ކަމަށް ވެސް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.