01 Feb 2014, 09:34
ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ސްޕޯޓްސް ކުލަބް މެކާނޯއިން ހޯދައިފި އެވެ.
މެކާނޯ ޗެމްޕިއަންކަން ހޯދީ ޒުވާނުންގެ މަރުކަޒުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަން (ޕީއެފްއޭ) އަތުން ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ރޭގެ މެޗުގެ ސެޓްތައް މެކާނޯއިން ގެންގޮސްފައިވަނީ 26-24، 25-20 އަދި 25-19 އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، މުޅިމުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މެކާނޯގެ އަލީ ހުޒާމެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ވެސް މެކާނޯ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެޓީމުގެ ކޯޗު އިސްމާއިލް ރިފާއު އެވެ. އަދި އެންމެ މޮޅު ސާވަރަކަށް ޕީއެފްއޭގެ ބިދޭސީ ކުޅުންތެރިޔާ ހޮވުނުއިރު، އެންމެ މޮޅު ސެޓަރަކަށް ހޮވުނީ މެކާނޯގެ ހުސައިން ހަމީދާއި އަލީ ހުޒާމެވެ. މިމުބާރާތުގެ ތިން ވަނަ ޓީމަކަށް ހޮވުނީ ސްޕޯޓްސް ކުލަބް ސިޓީ އެވެ.
މިމުބާރާތުގެ ޗެމްޕިއަންޓީމާއި ރަނައަޕް ޓީމަށް މިއަހަރުގެ އެއް ވަނަ ޑިވިޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ބުންޏެވެ.