01 Feb 2014, 09:30
ދެހާސް ބާރަވަނަ އަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބާއްވަން އޮތް ޖަލްސާއާ ދިމާކޮށް މާލޭގައި ކުރި މުޒަހާރާގައި ފުލުހުންނަށް ހުރަސްއެޅި ދެ މީހަކު 3000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
ކުރީގެ ރައީސް ޑ. މުހައްމަދު ވަހީދު ހަސަން މަނިކަށް ރިޔާސީ ބަޔާން ނުއިއްވޭނެ ކަމަށް ބުނެ އެކަމާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގައި ފުލުހުންނަށް ހުރަސްއެޅުމުގެ ކުށުގައި 3000ރ. އިން ޖޫރިމަނާ ކޮށްފައި ވަނީ ޅ.ނައިފަރު އުދަ އަހްމަދު ނަޒީރު،23، އާއި އދ.ދަނގެތި ޖަންބުމާގޭ އަހްމަދު އާހިދު،37، އެވެ.
ކްރިމިނަލް ކޯޓުން ބުރަސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު އަލިކިލެގެފާނުމަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި މީހުން އެއްވެފައިވާ ސަރަހައްދުގައި ތިބެ، އެތަނުގައި ތިބި ފުލުހުން ހިފައިގެން ތިބި ޝީލްޑްތަކުގައި އެ ދެ މީހުން އަތުންނާއި ފައިން ތަޅައި ޝީލްޑްތައް ކޮށްޕައި ފުލުހުންގެ ސަފުތައް ފަޅާލާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ޖޫރިމަނާގެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ދެ މީހުންނަށް ވަނީ އަންގާފަ އެވެ.