01 Feb 2014, 09:29
ޖެނީވާ (ފެބްރުއަރީ 1) : "ޖެނީވާ ދޭއް" ގެ ނަމުގައި ސޫރިޔާ ސަރުކާރާއި އިދިކޮޅު އިއްތިޙާދާ ދެމެދު ސްވިޓްޒަލޭންޑްގައި ކުރިޔަށްދާ ސުލްޙައިގެ ވާހަކަތަކުގެ ފުރަތަމަ ބުރުގެ ވާހަކަތައް އިއްޔެ ނިންމާލިއިރު ހަނގުރާމަ ހުއްޓާލުމާބެހޭ މައިގަނޑު މައްސަލަތަކުގައި ދެފަރާތުގެ ވިސްނުން ވަރަށް ބޮޑަށް ތަފާތުކަމަށާ އަދި އެއްވެސް ކަމެއްގައި އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް އދ. ން ބުނެފި އެވެ.
ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގެ މެދުވެރިއެއްގެބައި އަދާކުރައްވާ އދ. ގެ މަންދޫބު އަލްއަޚްޟަރުލް އިބްރާހީމީ ވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ ޓެރަރިޒަމްގެ ޢަމަލުތަކާބެހޭގޮތުންނާއި އިންތިގާލީ ސަރުކާރެއް އުފެއްދުމުގެ މައްސަލައިގަ އާއި ދެފަރާތުގެ ވިސްނުން ވަރަށްބޮޑަށް ތަފާތުކަމަށާ މިދެމައްސަލައިގައި ސޫރިޔާ ސަރުކާރާއި އިދިކޮޅު އިއްތިޙާދުން އެންމެ ކުރިންފެށިގެންވެސް ގެންގުޅޭ ވިސްނުމަށް އަދި އެއްވެސް ބަދަލެއް އައިސްފައިނުވާކަމުގަ އެވެ.
"ޖެނީވާ ދޭއް" ގެ ދަށުން ސޫރިޔާ ސަރުކާރާއި އިދިކޮޅު އިއްތިޙާދާ ދެމެދު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކަށް ހަފްތާއަކަށްވުރެ ގިނަދުވަސްވެ އަދި ފުރުތަމަ ބުރުގެ ވާހަކަތައް އިއްޔެ ނިންމާލިއިރު ލިބުނު ކާމިޔާބީއަކީ ހަނގުރާމަ ހުއްޓާލުމުގެ މަގްސަދުގައި މިދެފަރާތް އެއްތަނެއްގައި ސީދާގޮތެއްގައި ބައްދަލުކޮށް މަޝްވަރާތަކެއް ކުރެވުނު ކަމެވެ.
ފުރަތަމަ ބުރުގެ ވާހަކަތަކުގައިވެސް ހަނގުރާމަ ހުއްޓާލުމާ އަދި ސޫރިޔާގެ ދާޚިލީ މައްސަލަތައް ޙައްލުކުރުމުގެ އިތުރުން ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުންފަދަ މައްސަލަތަކާބެހޭގޮތުން މަޝްވަރާތައް ކުރެވުނު ކަމަށާ ނަމަވެސް އެއްވެސް ކަމެއްގައި އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް އަލްއިބްރާހީމީ ވިދާޅުވި އެވެ.
ސުލްހައިގެ ދެވަނަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 10ގައި ކަމަށްވެސް ފުރަތަމަ ބުރުގެ ވާހަކަތައް ނިންމާލަމުން އަލްއިބްރާހީމީ އިޢްލާން ކުރެއްވި އެވެ. އަނެއްކޮޅުން ސޫރިޔާގެ އިދިކޮޅު އިއްތިޙާދުގެ ރައީސް އަދި ޖެނީވާގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވާ އިދިކޮޅު ވަފްދުގެ ވެރިޔާ އަހްމަދުލްޖަރްބާ ވަނީ ސޫރިޔާގެ މައްސަލައާބެހޭގޮތުން ރަޝިޔާގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށްޓަކައި މިފެށޭ ހަފްތާގައި މޮސްކޯއަށް ވަޑައިގަންނަވާނެކަން އިޢްލާން ކުރައްވާފަ އެވެ.
ރަޝިޔާއަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް ވާގިވެރިވާ ގައުމެއްކަމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ސިފަކުރާ ގައުމެކެވެ. ނަމަވެސް މިފަހަކަށް އައިސް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ރަޝިޔާއާ ގާތްގުޅުންތަކެއް ބާއްވަން ފަށާފައެވެ. (އަލްޖަޒީރާ)