ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ތިން މެމްބަރަކާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ އެމްޑީޕީން އިއްޔެ ބޭއްވި މަޖިލިސް ޕްރައިމަރީގައި ކާމިޔާބު ހޯއްދަވައިފި އެވެ.

އަންނަ މާޗް މަހު ބާއްވާ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވުމަށް ޓިކެޓް ހޯއްދެވި، ކުރީގެ މަޖިލިސް މެމްބަރުންނަކީ ތިމަރަފުށީ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޝިޒުގެ އިތުރުން 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި އައްޑު އަތޮޅު ތަމްސީލު ކުރެއްވެވި މެމްބަރެއް ކަމުގައިވާ އިބްރާޙިމް ޝަރީފު (މަވޯޓާ) އެވެ.

އެމްޑީޕީގެ މަޖިލިސް ޓިކެޓް ޝަރީފު ހޯއްދެވީ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ހަނި އަގުލަބިއްޔަތަކުން ކުރީގެ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު މަގާމުން އިސްތިއުފާ ދެއްވައި މިދިޔަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޝަރީފު ޖިނާހުގެ މައްޗަށް ކުރި ހޯދީ 15 ވޯޓުގެ ތަފާތަކުންނެވެ. ޝަރީފަށް ލިބިވަޑައިގެންނެވީ 335 ވޯޓެވެ. ފަސް ކެންޑިޑޭޓުން ވާދަ ކުރި މަރަދޫ ދާއިރާގެ ޕްރައިމަރީގައި ޖިނާހަށް ލިބިވަޑައިގެންނެވީ 320 ވޯޓެވެ.

ސާބިތު ދަރަންޏެއްގެ މައްސަލާގައި ގޮނޑި ގެއްލުނު މުހައްމަދު މުސްތަފާއަށް ޓިކެޓް ކަށަވަރުވީ 2009 ވަނަ އަހަރު ވެސް އޭނާ މަޖިލީހަށް އިންތިހާބުވި ދާއިރާ، ތިމަރަފުށީ ދާއިރާއަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 24ގައި މަޖިލީހުގެ ގޮނޑި ގެއްލުނު ނާޝިޒަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވީ ކިނބިދޫ ދާއިރާގެ ޕްރައިމަރީގައި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ޝަރީފު (ސެންކޯ ޝަރީފް)ގެ މައްޗަށް ކާމިޔާބު ހޯދަވައިގެންނެވެ.

އެމްޑީޕީ ޕްރައިމަރީގައި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޑީޑީ ކާމިޔާބު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ ޓިކެޓެވެ. ޕްރައިމަރީއަށް ތިން ބޭފުޅަކު ވާދަ ކުރަން ހުށަހަޅާފައި ވަނިކޮށް، ހިތަދޫ މެދު ދާއިރާގެ މިހާރުގެ މެމްބަރު އެމްޑީޕީ ދޫކުރައްވައި، ޕީޕީއެމާ ގުޅިވަޑައިގަތުމުން ޑީޑީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ބޮޑު އަގުލަބިއްޔަތަކުންނެވެ.

އެމްޑީޕީ ޕްރައިމަރީގައި އިއްޔެ ވަނީ 30 ދާއިރާއެއްގެ ވޯޓުލުން ކުރިއަށް ގެންގޮސްފަ އެވެ. މަޖިލީހަށް ބެމްބަރުން އިންތިހާބުކުރާ 85 ދާއިރާގެ ތެރެއިން 55 ދާއިރާއެއްގެ އެމްޑީޕީ ޓިކެޓް ލިބޭ ފަރާތްތައް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ. ޕްރައިމަރީއަކާ ނުލައި މަޖިލީހުގެ މިހާރު ތިއްބެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 10 މެމްބަރުންނަށް ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ.