01 Feb 2014, 02:08
އެމްޑީޕީން މިއަދު ބޭއްވި ޕްރައިމަރީގައި ފޭދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް، އެ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީއަށް ގެއްލި، މަޖިލީހުގެ ހަ މެމްބަރަކަށް ޕާޓީގެ ޓިކެޓް ކަށަވަރުވެއްޖެ އެވެ.
މިއަދު ބޭއްވި 30 ދާއިރާގެ އެމްޑީޕީން ޕްރައިމަރީގައި މަޖިލިސް މެމްބަރުން ވާދަ ކުރެއްވީ އަށް ދާއިރާއަކަށެވެ. މިއަދު ބޭއްވި ޕްރައިމަރީގައި މާލޭގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އެމްޑީޕީ ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އަތޮޅުތަކުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އެ ޕާޓީއަކުން އިއުލާނެއް ނުކުރެ އެވެ.
ނަމަވެސް އެމްޑީޕީގެ އިސް އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވި ގޮތުގައި މިއަދު ބޭއްވި ޕްރައިމަރީގައި މަޖިލިސް މެމްބަރުން ވާދަ ކުރެއްވި ދާއިރާތަކުގެ ތެރެއިން އަލްހާން ފަހުމީ ފިޔަވައި، ހަ މެމްބަރަކު ވަނީ މަޖިލިސް އިންތިހާބަށް ވާދަ ކުރުމަށް ޕާޓީގެ ޓިކެޓު ކަށަވަރުކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި އަލްހާންގެ މައްޗަށް ކުރި ހޯދީ ސ. ފޭދޫ، ސިވިލްޒޭޝަން ހައުސް، މުހައްމަދު ނިހާދު އެވެ. ނިހާދު ވަނީ ބޮޑު ތަފާތަކުން އަލްހާންގެ މައްޗަށް ކުރި ހޯދާފަ އެވެ. މަލޭގައި ބެހެއްޓި ވޯޓު ފޮއްޓާއި ފޭދޫގައި ބެހެއްޓި ވޯޓު ފޮށިން ކުރި ހޯދައި ނިހާދު ވަނީ 314 ވޯޓު ހޯދާފަ އެވެ.
އަލްހާން ވަނީ ފޭދޫ ދާއިރާގެ ޕްރައިމަރީގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެހެން ވިދާޅުވީ މިރޭ މެންދަމު ކުރެއްވި ޓްވީޓެއްގަ އެވެ.
I don't accept the results of MDP Feydhoo Parliament Primaries . I have officially informed the party of election irregularities.
— Alhan Fahmy (@FahmyAlhan)January 31, 2014
މަޖިލިސް ޓިކެޓް ކަށަވަރުވި، ހަ މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ވަނީ މިހާރު އެ ބޭފުޅުން މަޖިލީހުގައި ތަމްސީލު ކުރައްވާ ދާއިރާ ފިޔަވައި އެހެން ދާއިރާތަކަށް ކުރިމަތިލައްވައި ޓިކެޓް ކަށަވަރުކޮށްފަ އެވެ. މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ކުބޭ) ވަނީ އުނގޫފާރޫ ދާއިރާއަށް ކުރިމަތިލައްވައި އެ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފަ އެވެ. މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވައި އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ.
މަޖިލީހުގައި މިހާރު ތަމްސީލު ކުރައްވާ ގޮނޑި ދިފާއު ކުރެއްވުމަށް ޕާޓީގެ ޓިކެޓް މިއަދު ކަށަވަރުވި މެމްބަރުންނަކީ މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގާއި ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޔާޒާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ގަސަމްގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
މިއަދު ބޭއްވި 30 ދާއިރާގެ ޕްރައިމަރީގެ ތެރެއިން ކެންދޫ ދާއިރާގެ ކެންދޫގައި ވޯޓުލުމެއް މިއަދު ނުބާއްވަ އެވެ. ނަމަވެސް މާލެ އާއި އެ ދާއިރާގެ އެހެން ރަށްތަކުގައި ވޯޓުލުން ބޭއްވި އެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ މިއަދު ބޭއްވި 30 ދާއިރާގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ މާދަމާ ހެނދުނު އިއުލާން ކުރާނެ ކަމަށެވެ. އަދި މިހާތަނަށް ބޭއްވި ހުރިހާ ޕްރައިމަރީއެއްގެ ވަގުތީ ނަތީޖާ މާދަން އިއުލާން ކުރާނެ ކަމަށެވެ.