އެލް މޯބައިލް ޔޫތު ޗެމްޕިއަންޝިޕްގެ ގުރޫޕް އެކެއްގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 0-2 އިން ކްލަބު ވެލެންސިއާ ބަލިވެ، މުބާރާތުން ކެޓުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޓާފް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ވެލެންސިއާ ބައްދަލުކޮށް ވިކްޓަރީއަށް ފުރަތަމަ ލީޑު ނަގައިދިނީ އެ ޓީމުގެ ހުސައިން ޝަމީމެވެ. ވެލެންސިޔާގެ ކޯލް ކީޕަރު ކައިރިން ބޯޅަ ކަޓުވާލުމަށްފަހު، ޝަމީން އެ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގަ އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިކްޓަރީއަށް ދެ ވަނަ ލަނޑު ޖަހައިދިނީ މުރުތަޖާ މުހައްމަދެވެ. އޭނާ އެ ލަނޑު ޖެހީ ދެ ވަނަ ހާފު ނިމެން ދަނިކޮށެވެ.

ގްރޫޕް އެކެއްގައި ކުޅުނު ފުރަތަމަ މެޗުގައި ވެލެންސިއާ ކޮޅަށް ކްލަބް އީގަލްސުން ވަނީ 10-0 ލަނޑު ގޯންޏެއް ޖަހާފަ އެވެ. މުރާބާތުގައި ވެލެންސިއާ މިއަދު ކުޅުނު މެޗުން ވެސް ބަލިވުމުން، އެ ޓީމު ވަނީ މުބާރާތުގެ އުންމީދު ގެއްލި، މުބާރާތުން ކެންޓުމުގެ ބިރު ހީވެފަ އެވެ.

ވެލެންސިޔާގެ މައްޗަށް ވިކްޓަރީ މިއަދު ކުރި ހޯދުމުން އެލް މޯބައިލް ޔޫތު ޗެމްޕިއަންޝިޕްގެ ގުރޫޕް އެކެއްގައި ދެ ވަނައަށް އެ ޓީމު ވަނީ ޖެހިލާފަ އެވެ. ގްރޫޕު އެކެއްގައި އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވި ކްލަބް އީގަލްސެވެ.

ވެލެންސިޔާ މުބާރާތުގެ އުންމީދު ގެއްލިފައިވާއިރު ގްރޫޕުގައި އަދި އެއް މެޗު ކުޅެން ޖެހެ އެވެ. އަން ހޯމަ ދުވަހު ވެލެންސިޔާ ކުޅެން ޖެހޭނީ ކްލަބު ގްރީން ސްޓްރީޓެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގަ އެވެ.

އެލް މޯބައިލް ޔޫތު ޗެމްޕިއަންޝިޕްގެ ގުރޫޕް އެކެއްގައި އެއް ނަމްބަރު ޓާފް ދަނޑުގައި މިރޭ 9:00 ގައި ކުޅޭނީ އީގަލްސާއި ކްލަބު ގްރީން ސްޓްރީޓެވެ. މާދަމާ ހަވީރު 4:10 ގައި ކުޅޭނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވޭރު ސްޕޯޓްސް ކްލަބެވެ. މާދަމާ ރޭ 9:00 ގައި ކުޅޭނީ ބީޖީ ސްޕޯޓްސް ކްލަބާއި އޭދަފުށީ ޒުވާނުންގެ ކްލަބެވެ.