31 Jan 2014, 19:39
މާލެއިން ފުރައިގެން ފ. ފިލިތެޔޮ ރިސޯޓަށް 12 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއްގައި ޖެހި އެކްސިޑެންޓުވެ، ދޯނި އަޑިއަށްދިއުމުން ވެސް، މަޑުނުކޮށް ދިޔަ ދޯނި ހޯދައި އޭގެފަޅުވެރިން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ކުމެރި" ނަމަކަށް ކިޔާ އެ ދޯނި ފެނިފައި ވަނީ ހުޅުމާލޭ ފަޅުތެރޭގައި އޮއްވައި ކަމަށާއި އޭގެ ހުރިހާ ފަޅުވެރިން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ މިރޭ 7:30 އެހައިކަންހާ އިރު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ އަދަދެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ރޭ ފަތިހު 4:30 ހާއިރު ހިނގި އެކްސިޑެންޓްގައި ލިބުނު ގެއްލުމުގެ ސަބަބުން އދ. ދިގުރަށުގެ އިރުން 15 މޭލު ބޭރުން، ގާތްގަނޑަކަށް 60 ފޫޓުގެ "3 އޭ 28″ ނަމަކަށްކިޔާ ދޯނި ވަނީ އަޑިއަށް ގޮސްފަ އެވެ. އެ ދޯނި އަޑިއަށް ދިޔައިރު އޭގައި ތިބީ އަށް ފިރިހެނަކާއި ދެ އަންހެނަކާއި ދެ ކުޑަކުދިންނެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.