ިޔޭވް (ޖަނަވަރީ 31) : ޔުކްރޭންގެ ރައީސް ވިކްޓަރ ޔަނަކޮވިޗް އަށް ކުރިމަތިވެވަޑައިގެންނެވި ސިއްޙީ މައްސަލަތަކަކާ ގުޅިގެން ބޭސްފަރުވާ ކުރެއްވުމަށާއި އަރާމު ކުރެއްވުމަށް އޭނާ ޗުއްޓިއެއް ނަންގަވައިފިކަން އެގައުމުގެ ރިޔާސަތުން ހާމަކޮށްފިއެވެ.

ޔުކްރޭންގެ ރިޔާސަތުންބުނީ ރައީސް ޔަނަކޮވިޗް ގެ ފުއްޕާމެއަށް މައްސަލަތަކެއް ކުރިމަތިވެ ނޭވާލުމަށް ދަތިވެފައިވާކަމަށާ އަދި ހުމުގެ އާލާސްކަންފުޅެއްވެސް އޭނާއަށް ޖެހިވަޑައިގެންފައިވާ ކަމުގައެވެ.މި އާލާސްކަންފުޅާ ގުޅިގެން ފަރުވާގެ އިތުރުން އަރާމުވެސް އޭނާއަށް ބޭނުންވާކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާތީ އިއްޔެއިން ފެށިގެން ޔަނަކޮވިޗް "ސިކްލީވް" ނަންގަވާފައިވާ ކަމަށް އެގައުމުގެ ރިޔާސަތުން ބުނެއެވެ.

ޔުކްރޭންގެ ރައީސަށް އާލާސްކަންފުޅު ކުރިމަތިވެވަޑައިގެންފައިމިވަނީ ހުޅަނގުގެ މަދަދުލިބޭ އެގައުމުގެ އިދިކޮޅު ފަރާތްތަކުން ހިންގަމުންގެންދާ ހަރުކަށި އަމަލުތަކާ ގުޅިގެން އެގައުމުގެ ހާލަތު ނުރައްކާތެރި ހިސާބަކަށް ގޮސްފައިވަނިކޮށެވެ.ޔުކްރޭންގެ ރިޔާސަތުން އިއްޔެ ނެރުނު އެހެން ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ އިހްތިޖާޖްތަކުގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ ގަޑުބަޑުތައް ހައްލުކުރުމަށްޓަކައި ސަރުކާރަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށް ދެވެންއޮތް އެންމެ މައްޗަކަށް ދޫދޫފައިވާނެ ކަމަށާ މައްސަލަ ފިނިކުރުން އޮތީ އިދިކޮޅު ފަރާތްތަކުގެ އަތްމަތީގައި ކަމުގައެވެ.

ޔުކްރޭންގެ އިދިކޮޅުފަރާތްތަކަށްދޫދިނުމުގެ ގޮތުން އެގައުމުގެ ބޮޑުވަޒީރު މީކޮލާ އަޒަރޯފް މިހަފްތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ރައީސް ޔަނަކޮވިޗްވަނީ ބޮޑުވަޒީރު ކަމުގެ މަގާމު އިދިކޮޅު ލީޑަރު ވިޓާލީ ކްލިޗްކޯއަށް ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް ކްލިޗްކޯ ވަނީ މިމަގާމު ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.. މީގެއިތުރުން ޔުކްރެއިންގެ ޕާލަމެންޓުން ވަނީ އެގައުމުގައި މުޒާހަރާކުރުމާ ދެކޮޅަށް ފާސްކޮށްފައިވާ ހަރުކަށި ޤާނޫނުތައްވެސް އުވާލާފައެވެ.

ޔުކްރޭންގެ ސަރުކާރުގެ މި ދޫނިނުންތަކާ އެކުވެސް ރައީސް ވިކްޓަރ ޔަނަކޮވިޗްގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މުޒާހަރާތަކާއި އިހްތިޖާޖްތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. (ރޮއިޓާސް)