31 Jan 2014, 15:20
މާލެއިން ފުރައިގެން ފ. ފިލިތެޔޮ ރިސޯޓަށް 12 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި ޖެހި އެކްސިޑެންޓުވެ، ދޯނި އަޑިއަށްދިއުމުން ވެސް، މަޑުނުކޮށް ދިޔަ ދޯންޏެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ރޭ ފަތިހު 4:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި ލިބުނު ގެއްލުމުގެ ސަބަބުން އދ. ދިގުރަށުގެ އިރުން 15 މޭލު ބޭރުން، ގާތްގަނޑަކަށް 60 ފޫޓުގެ “3 އޭ 28″ ނަމަކަށްކިޔާ ދޯނި ވަނީ އަޑިއަށް ގޮސްފަ އެވެ. އެ ދޯނި އަޑިއަށް ދިޔައިރު އޭގައި ތިބީ އަށް ފިރިހެނަކާއި ދެ އަންހެނަކާއި ދެ ކުޑަކުދިންނެވެ.
ފުލުހުން ބުނީ އެ ދޯނީގައި ތިބި މީހުންގެ ތެރެއިން ކެޕްޓަން ފިޔަވައި 11 މީހުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބާކްރާފްޓް 113 ނަންބަރު ލޯންޗުގައި މާލެ އައުމަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
އެކްސިޑެންޓްވި އަނެއްދޯނި ހޯދުމުގައާއި އިތުރަށް ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމުގައި އަޑިއަށް ދިޔަ ދޯނީގެ ކެޕްޓަން ފުލުހުންނާ އެކު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ދޯނީ ދަތުރު ކުރަމުން ދިޔައީ މާލެއާ ދިމާލަށް ކަމަށް އަޑިއަށް ދިޔަ ދޯނީގެ ކެޕްޓަނާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މެރިން ޕޮލިސްގެ އިންވެސްޓިގޭޝަން ޓީމް މިހާރުވެސް އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔަ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ބޮޑަށް ލަފާކުރެވޭ ގޮތުގައި މަޑުނުކޮށް ދިޔަ ދޯނީގެ ދިރުނބާކޮޅަށް ނުވަތަ ދޯނީގެ ކުރީކޮޅުން ކޮންމެވެސް ދިމާއަކަށް ފާހަގަ ކުރެވޭވަރުގެ ގެއްލުމެއް ވެފައި ހުންނާނެ ކަމަށެވެ. އަދި އެފަދަ ކަމެއް އެއްވެސް މީހަކަށް ފާހަގަ ކުރެވިއްޖެނަމަ މެރިން ޕޮލިސްގެ 9998014 ނުވަތަ 9926094 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.