އިސްލާމް އާބާދު (ޖަނަވަރީ 31) : ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތްކަމަށްވާ ތާލިބާން ޖަމާއަތާއެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަށް ޕާކިސްތާން ސަރުކާރުންއެކުލަވާލާފައިވާ 4 މެންބަރުންގެ ވަފްދާ ބޮޑުވަޒީރު މުހައްމަދުނަވާޒް ޝަރީފު ބައްދަލުކުރައްވައިފިއެވެ.

ޕާކިސްތާނުގެ ޖިޔޯ ޓީވީ ޚަބަރުދޭގޮތުގައި މިވަފްދާ ނަވާޒް ޝަރީފު ބައްދަލުކުރެއްވީ ތާލިބާނުންނާއެކު ދެއްކުމަށް ރާވާފައިވާ ސުލްހައިގެ ވާހަކަތަކުގެ ސްޓްރެޓެޖީ އެކަށައެޅުމަށެވެ. މިބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ދާޚިލީ ވަޒީރު ޗައުދަރީ ނިޒާރުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށްވެއެވެ. ތާލިބާނުންނަކީ ޕާކިސްތާނުގެ ޝަރުޢީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. މިގޮތުން ނަވާޒް ޝަރީފުގެ ވެރިކަމުގައިވެސް ތާލިބާނުން ގެންދަނީ އާންމު ތަންތަނުގައި ބޮންގޮއްވުމާއި ޕާކިސްތާން ސިފައިންނަށް ޙަމަލާދިނުމުގެ އަމަލުތައް ހިންގައި އެކަމުގެ މަސްއޫލިއްޔަތު އުފުލާކަމަށް އަމިއްލައަށް އިޢްތިރާފްވަމުންނެވެ.

ތާލިބާނުން ޕާކިސްތާން ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރިނަމަވެސް ތާލިބާނުންނަކީ ބޮޑުޖަމާއަތަކަށްވެފައި ޢަސްކަރީ ގޮތުން ކުރިމަތިލައިގެން އެޖަމާއަތުގެ ނުކިޔަމަންތެރިކަން ނިމުމަކަށް ގެނެވޭނެކަމަށް ދެކެވަޑައިނުގަންނަވާތީ ނަވާޒް ޝަރީފު ވަނީ ބޮޑުވަޒީރުކަމަށް ކޭންޕޭންކުރެއްވި ދުވަސްވަރު އެޖަމާއަތާ ސުލްޙައިގެ ވާހަކަތައް ދައްކައިގެން އެޖަމާޢަތުގެ ނުކިޔަމަންތެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރެއްވާނެކަމުގެ ވަޢްދު ރައްޔިތުންނަށް ވެވަޑައިގެންފައެވެ.
މިއާއެކު މިދިޔައަހަރު ތާލިބާނުންނާ ސުލްހައިގެ ވާހަކަދައްކަން ނަވާޒް ޝަރީފުގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަނިކޮށް އެމެރިކާވަނީ ވައިގެ ޙަމަލާތަކެއްދީ ތާލިބާނުންގެ އޭރުގެ ޒަޢީމް ހަކީމުﷲ މަޙްސޫދު މަރާލާފައެވެ. މިއާއެކު ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ފެށުމަށް ޕާކިސްތާން ސަރުކާރުން ރާވައިފާ މަޝްރޫޢު ވަނީ މަޑުޖެހިގެން ގޮސްފައެވެ.

ތާލިބާން ޖަމާއަތާއެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަށް ޕާކިސްތާން ސަރުކާރުންއެކުލަވާލާފައިވާ ވަފްދުން ސުލްޙައިގެ ވާހަކަތައް އެޖަމާއަތާއެކު ފަށާނެތާރީޚެއް އަދި އިޢްލާންކޮށްފައެއް ނުވެއެވެ. މިމައްސަލާގައި ތާލިބާނުން ވަކިއެއްޗެއް އަދި ބުނެފައެއް ނުވެއެވެ. (އަލްޖަޒީރާ)