15 Dec 2010, 07:12
ސްވިޑްންގައި ޖިންސީ ޖަރީމާއެއް ހިންގި ކަމަށް ތުހުމަތުކުރުމާގުޅިގެން މި މަހުގެ 7 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ހައްޔަރުކުރި ވިކިލީކްސްގެ މުއައްސިސް އޮސްޓްރޭލިޔާގެ ޖޫލިޔާން އަސާންޖް މިނިވަންކުރުމަށް ޤާޒީ އަމުރުކުރިނަމަވެސް އޭނާ މިނިވަންކުރުން 48 ގަޑިއިރަށް ފަސްކޮށްފި އެވެ. އަސާންޖްގެ މައްސަލަ ބައްލަވާ އިނގިރޭސި ފަނޑިޔާރު ހަވަރޑް ރިޑްލް އަމުރުކުރެއްވީ އަންނަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު އަސާންޖް ކޯޓަށް ޙާޒިރުވާގޮތަށް ކަފާލާތެއްގެ ދަށުން އޭނާ މިނިވަން ކުރުމަށެވެ. ނަމަވެސް އޭގެފަހުން ކޯޓުން ނިންމީ އަސާންޖް މިނިވަންކުރުމާދެކޮޅަށް ސްވިޑްންއިން އިސްތުނާފުކުރުމުން އިސްތިއުނާފުގެ ކަންތައް ބެލުމަށް 48 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ފަހު އެ މުހުލަތުގެ ފަހުން އޭނާ މިނިވަންކުރުމަށެވެ.
އުމުރުން 39 އަހަރުގެ ޖޫލިޔާން އަސާންޖް ހައްޔަރުކޮށްފައިވަނީ އޭނާގެ ވިކިލީކްސް ވެބްސައިޓުން އެމެރިކާގެ އެތަށްހާސް ސިއްރު ލިޔުންތަކެއް ބޭޒާރުކޮށްލުމާގުޅިގެން އެމެރިކާގެ ލޯތައް އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަސާންޖްގެ މައްޗަށް ސްވިޑްންއިން ކުރި ޖިންސީ ތުހުމަތުތަކުގެ ފަހަތުގައި އެމެރިކާ ވެދާނެކަމަށް ބެލެވިފައިވެއެވެ. އަދި އަސާންޖް މައްޗަށް ކުރެވިފައިވާތުހުމަތުތަކަކީ ސިޔާސީ ކަމެއްކަމަށްވެސް އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ. އެމެރިކާ ގެންދަނީ ވިކިލީކްސް އިން ބޭޒާރުކޮށްލި އެމެރިކާގެ ސިއްރު ލިޔުންތަކުގެ މައްސަލާގައި އަސާންޖްގެ މައްޗަށް ޤާނޫނީ ގޮތުން ފިޔަވަޅެއް އެޅޭނެ ގޮތެއް އޮތްތޯ ބެލުމަށް މަސައްކަތް ކުރަމުންނެވެ. ވިކިލީކްސްއިން ބޭޒާރުކޮށްލި އެމެރިކާގެ ސިއްރު ލިޔުންތަކުގެ މައްސަލާގައި ޝަރީޢަތަކާނުލާ އަސާންޖް މަރާލުންފަދަ ހަރުކަށި ޢަމަލުތައް ހިންގުމަށްވެސް އެމެރިކާގެ ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލާފައިވެއެވެ.