މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، މިއަހަރު ޖެނުއަރީ މަހު ތަފާތު އެކި ކުށްތަކުގައި ފުލުހުންނަށް ހުށަހެޅި މައްސަލަތައް 18 ޕަސެންޓް އިތުވެއްޖެ އެވެ.

މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއެކު ވަގުތުން އަޕްޑޭޓްވަމުންދާފުލުހުންގެ ވެބްސައިޓުގެ ކުށުގެ ތަފާސް ހިސާބުތައްދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ މިހާތަނަށް އެކި ކުށްތަކުގައި 1693 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖިނާއީ 1436 މައްސަލަ އެވެ.

މިއަހަރުގެ ޖެނުއަރީ މަހު އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅައި، ތަހުގީގު ކުރަން ފަށާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ މައްސަލަތައް މިދިޔަ އަހަރުގެ ޖެނުއަރީ އާއި އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީގައި ވަނީ 38 ޕަސެންޓަށް އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވައްކަމުގެ 589 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީގައި ފުލުސް އޮފީހަށް ހުށަހަޅައި ތަހުގީގު ކުރީ ވައްކަމުގެ 427 މައްސަލަ އެވެ.

މިއަހަރުގެ ޖެނުއަރީ މަހު ދެ ވަނައަށް އެންމެ ގިނައިން ފުލުހުނަށް ހުށަހަޅާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ އަޅާ ބަލާއިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންނަށް ހުށަހެޅި މައްސަލަތައް ވަނީ 46 ޕަސެންޓަށް އިތުރުވެފަ އެވެ. މަސްތުވާތަކެތީގެ 433 މައްސަލައެއް މިއަހަރުގެ ޖެނުއަރީގައި ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީގައި ފުލުހުން ތަހުގީގު ކުރަން ފެށީ މަސްތުވާތަކެތީގެ 295 މައްސަލަ އެވެ.

ތިން ވަނައަށް އެންމެ ގިނައިން މިއަހަރު ފުލުހުން ހުށަހަޅައި، ތަހުގީގު ކުރަން ފަށާފައި ވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. ނަމަވެސް ޓްރެފިކް އެކްސިޑެންޓުތައް މިއަހަރުގެ މިހާތަނަށް ވަނީ 12 ޕަސެންޓަށް ދަށްވެފަ އެވެ. މިއަހަރުގެ މިހާތަނަށް ހިނގާފައި ވަނީ ޓްރެފިކް 181 މައްސަލަ އެވެ.

މީހުންން ހަމަލާދިނުމާއި މުދަލަށް ގެއްލުންދީގެ ފުލުހުންނަށް މި ޖެނުއަރީ މަހު 95 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި ތަންތަން ލޫޓުވައިގެން 49 މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ގެވެށި އަނިޔާގެ 19 މައްސަލައެއް ވެސް މިއަހަރު ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ. ބަދުއަހުލާދީ 38 މައްސަލައެއް މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، މިހާރު ޖެނުއަރީމަހު ކުށުގެ މައްސަލަތައް 18 ޕަސެންޓަށް އިތުރުވިއިރު، މިދިއަ އަހަރު ކުށުގެ މައްސަލަތައް އިތުރުވީ އެންމެ ހަތަރު ޕަސެންޓަށެވެ. މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރީ 18981 މައްސަލަ އެވެ. އޭގެ ކުރީ އަހަރު، 2012ގައި ފުލުހުންނަށް ހުށަހެޅީ 18250 މައްސަލަ އެވެ.