31 Jan 2014, 13:41
ކުނިއެޅުން މަނާ ތަންތަނަށް ކުނި އަޅާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް ހަދާފައިވާ "ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދަށް" އަންނަ ހަފުތާގައި އަމަލު ކުރަން ފަށާތީ، ކުނި އުކާލުމުގައި ސަލާމުވުމަށް ގަވައިދު ތަންފީޒުކުރާ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެ ގަވައިދަށް އަމަލުކުރާނެ ކަމަށެވެ. ގަވައިދުގައި ކުނިއެޅުން މަނާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަގުތަމާއި ގޮނޑުދޮށްތަކާއި ބަނދަރުތަކާއި ފަޅުތަކެވެ. ކުނިގޮނޑުތަކާއި ޑަސްބިންތައް ފިޔަވައި އެހެން ތަންތަނަށް ކުނިއެޅުމަކީ ވެސް އެ ގަވައިދުގެ ދަށުން މަނާ ކަމެކެވެ.
ގަވައިދުގައި އެންމެ ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައި ވަނީ މޫދަށް ކުނިއެޅުމަށެވެ. އެގޮތުން މޫދަށް ކުނި އަޅާ ފަރާތްތައް 501 ރުފިޔާއިން ފެށިގެން 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައިވެ އެވެ. ގަވައިދުގައިވާ ގޮތުން އިޖުތިމާއީ ކަންކަމަށް ބޭނުންކުރާ ސަރަހައްދުތަކުގައި ޑަސްބިން ބަހައްޓަން ޖެހެ އެވެ. އަދި އެގޮތުން ބަހައްޓާ ޑަސްބިނަށް ނޫން ގޮތަކަށް އެފަދަ ސަރަހައްދުތަކަށް ކުނި އަޅައިފިނަމަ 100 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ގަވައިދުގައި ހިމަނާފަ އެވެ. އަދި އެފަދަ ސަރަހައްދުތައް ބެލެހެއްޓުމާ ހަވާލުވެތިބޭ ފަރާތްތަކުން ޑަސްބިން ނުބަހައްޓާ ނަމަ 10،00ރ. އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
ކުނިމެނޭޖްކުރުމާ ބެހޭ ގަވައިދު ގެޒެޓްކުރީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގަ އެވެ. އެ ގަވައިދު ތަންފީޒުކުރާނީ އެންވަޔަރްމެންޓް މިނިސްޓްރީގެ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ.
ކުނި މެޖޭޖްކުރުމާ ބެހޭ ގަވާއިދުގައި ކުނި އެޅުން މަނާތަކަށް ކުނިއަޅައިފިނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް ކަނޑައަޅާފައި އޮތް އިރު، އާންމު ސިއްހަތުގެ ދަށުން އާންމުތަކަށް ކުނިއަޅައިފިނަމަ 5000ރ. އިން ޖޫރިމަނާވާނެ ކަމަށް ބުނެފައިވެ އެވެ. އެ ގާނޫނުގެ 56 ވަނަ މާއްދާގެ ނ. ގައި ބުނަނީ އާންމުތަނަކަށް ނުވަތަ މަގުތަކަށް، ގޭގެއަށް، ހުސް އިމާރާތަކަށް، އަތިރިމައްޗަށް، ގޮނޑުދޮށަށް، ކުނިއެޅުމާއި ނަޖިސްކުރުމަކީ ކުށެއް ކަމަށެވެ. އަދި އެ ކުށުގެ އަދަބަކީ 5000ރ. އިން ޖޫރިމަނާ ކުރުމެވެ. ގާނޫނުގައި ކަނޑައެޅިގެން އެހެން ބުނެފައި އޮތަސް، އެފަދަ ކުށް ބަޔާންކޮށްފައިވާ ގާނޫނުތައް ތަންފީޒެއް ނުކުރެވެ އެވެ.
ކުނި އެޅުމާއި މަގުމައްޗަށް ކުޅު ޖަހައިފި ނަމަ 500ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބުނެ އެވެ. އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި ބުނެފައި ވަނީ މަގުމައްޗަށް ކުޅުޖެހައިފި ނަމަ އެ ގާނޫނުގެ ދަށުން އެ މީހަކާ މެދު ފިޔަވަޅު އެޅާނެ ކަމަށެވެ. އަދި އެފަދަ ކުށެއްގެ އަދަބު އެ ގާނޫނުގެ 43 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރަނީ 500ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ. ނަމަވެސް 2010 ވަނަ ތަސްތީގު ކުރި އެ ގާނޫނުގެ ދަށުން އެފަދަ ކުށެއް ކުރި މީހަކާ މެދު ފިޔަވަޅުއަޅައި އަދި ޖޫރިމަނާ ވެސްކޮށްފައިނުވެ އެވެ.