ގޫގްލްގެ ކުންފުނީގެ ބައެއްގެ ގޮތުގައި ހިންގަމުން އައި އެމެރިކާ މޯބައިލް ފޯން އުފައްދާ މޮޓޮރޮލާ މޮބިލިޓީ ކުންފުނި ޗައިނާގެ ކޮމްޕިއުޓަރު އުފައްދާ ކުންފުނި ލެނޯވޯއަށް ވިއްކާލައިފި އެވެ.

ލެނޯވޯއިން މޮޓޮރޮލާ ކުންފުނި ގަނެފައި ވަނީ 2.91 ބިލިއަން އެމެރިކާ ޑޮލަރަށެވެ.

މީގެ ދެ އަހަރު ކުރިން 2012 ވަނަ އަހަރު 12.5 ބިލިއަން އެމެރިކާ ޑޮލަރަށް މޮޓޮރޮލާ ގަތުމަށްފަހު، ނުވަ ބިލިއަން ޑޮލަރުގެ ގެއްލުމެއްގައި ގޫގްލުން އެ ކުންފުނި ވިއްކާލުމުން ޓެކްނޮލޮޖީގެ ބާޒާރަށް ހައިރާން ކަމެއް ލިބިފައިވާ ކަމަށް ބީބީސީން ބުނެ އެވެ.

ގޫގްލުން މޮޓޮރޮލާ ގަނެފައި ވަނީ އެ ކުންފުނީގެ ސްމާޓް ފޯން ޕްރޮޑަކްޝަން މޮޓޮރޮލާ ކުންފުނީގެ ތެރެއިން ހިންގުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.

ގޫގްލްއިން ބުނީ މޮޓޮރޮލާ ކުންފުނި ވިއްކާލާފައި ވަނީ އެކުންފުނީގެ ބައެއް މުހިއްމު ޕެޓެންޓްތައް ހިފެހެއްޓުމަށް ފަހުގައި ކަމަށެވެ. އަދި ސްމާޓް ފޯން މާކެޓަކީ މިހާރު ވަރަށް ވާދަވެރި މާކެޓެއް ކަމުން މޮޓޮރޮލާ ކުންފުނީގެ ބޭނުން ލެނޯވޯއަށް މާ ރަނގަޅަށް ކުރެވޭނެ ކަމަށް ގޫގްލްއިން ބުނެ އެވެ.