ޗާންދަނީމަގު ދާރުލް އާސާރު ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ބަޔަކު ރޯކޮށްލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ރޭ 4:14 އެހައިކަންހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވާލާފައި ވަނީ އެމްއެންޑީއެފުން ކަމަށެވެ.

ރޯކޮށްލި ސައިކަލް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފަ އެވެ.

މީގެއިތުރުން މާލޭގެ އެހެންސަރަހައްދެއްގައި ވެސް ރޭ ވަނީ ސައިކަލެއްގައި ރޯކޮށްލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 2:56 އެހައިކަންހާއިރު ލޮނުޒިޔާރަތް މަގު އިމްޕީރިއަލް ކްލިނިކް ކައިރީގައި ހުރި ސައިކަލެއްގެ މަޑީގައި އަލިފާން ރޯކޮށްލާފައިވާކަމަށެވެ. އަދި ވިދާޅުވީ ސައިކަލް އެއްކޮށް އަނދައިގެން ދިޔުމުގެ ކުރިން މަންޒަރު ފެނުނު މީހާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ ދެ މައްސަލަ ތަހުގީގު ކުރަމުންނެވެ.