ފްރާންސްގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ކަރިމް ބެންޒެމާ އާއި ފްރޭންކް ރިބެރީގެ މައްޗަށް ކޮށްފައިވާ ހަށިވިއްކާ "ކުޑަކުއްޖަކާ" ގުޅުން ހިންގި ކަމަށް ބުނާ މައްސަލަގައި ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ ބެންޒެމާ އާއި ޖަރުމަނުގެ ބަޔާން މިޔުނިކަށް ކުޅޭ ރިބެރީގެ މައްޗަށް ކޮށްފައިވާ ހަށިވިއްކާ ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލަ ބެލި ފްރާންސްގެ ކޯޓުން ނިންމާފައި ވަނީ، އެ ދެ ކުޅުންތެރިން އަލްޖީރިއާގެ ހަށިވިއްކާ އަންހެންކުއްޖެއް ކަމަށްވާ ޒާހިޔާ ދީހާރުއާއެކު ގުޅުމެއް ހިންގި އިރު އޭނާއަކީ ކުޑަކުއްޖެއްކަން އެ ދެކުޅުންތެރިންނަށް އެނގޭ ކަމަށް ސާބިތުވާ ވަރުގެ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

ބެންޒެމާ އާއި ރިބެރީގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ދެކުޅުންތެރިން ވެސް އިންކާރުކޮށްފައިވާއިރު އެ މައްސަލަ އެ ދެކުޅުންތެރިންގެ މައްޗަށް ސާބިތުވިނަމަ، ތިން އަހަރުގެ ޖަލުހު ކުމެއް އަންނާނެ އެވެ.

މިހާރު ފެޝަން ޑިޒައިނަރެއް ކަމަށްވާ އުމުރުން 21 އަހަރުގެ ޒާހިޔާ ދީހާރު އާއި އަދި ބެންޒެމާ އާއި ރިބެރީ ވެސް ޝަރީއަތުގެ ފުރަތަމަ މަރުހަލާގައި ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.

މައްސަލައިގެ ތަހުގީގުގައި ދީހާރު ބުނެފައި ވަނީ، ރިބެރީއާ އޭނާއާ ބައްދަލުވީ، 2009 ވަނަ އަހަރު ރިބެރީގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި މިޔުނިކުން ކަމަށެވެ. އަދި އޭރު އޭނާގެ އުމުރަކީ 17 އަހަރު ކަމަށާއި އެހެން ނަމަވެސް އޭނާގެ އުމުރު އޮޅުވާލި ކަމަށް ދީހާރު އެއްބަސްވެފައިވާ ކަމަށެވެ.

ބެންޒެމާގެ މައްޗަށް ކޮށްފައި ވަނީ 2008 ވަނަ އަހަރު ޕެރިހުގެ ނައިޓުކްލަބެއްގެ ތެރެއިން ދީހާރު އާއި ދިމާވެގެން ބެންޒެމާ ހުންނަ ހޮޓަލަކަށް އޭނާ ގެންގޮސް ފައިސާ ދީގެން އޭނާއާ އެކު ރޭކުރި ކަމުގެ ދައުވާ އެވެ. އެހެން ނަމަވެސް ބެންޒެމާ ވަނީ އެރޭ އެ އަންހެން ކުއްޖާއާ އެކު އެއްވެސް ގުޅުމެއް ހިންގާފައި ނުވާނެ ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މައްސަލަ ބެއްލެވުމަށްފަހު ޕްރޮސެކިއުޓާ ވިދާޅުވީ، އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަމެއް ފާހަގަކުރެވެން ނެތް ކަމަށެވެ.

ފްރާންސްގައި ކުޑަކުއްޖެއް ކަމަށް ބަލާ އުމުރަކީ 15 އަހަރެވެ. އެހެން ނަމަވެސް 18 އަހަރު ނުފުރޭ ކުއްޖަކާއެކު ފައިސާދީގެން ގުޅުންހިންގުމަކީ އެ ގައުމުގެ ގާނޫނޫނުގައިވާ ގޮތުން އަދަބު ކަނޑައެޅޭނެ ކުށެކެވެ.

ހަށި ވިއްކާ ކުޑަކުއްޖަކާ ގުޅުން ހިންގި ކަމުގެ ދައުވާ ރިބެރީއާ ދެކޮޅަށް އުފުލާފައިވީ 2012-13 ފުޓްބޯޅަ ސީޒަން ވެގެން ގޮސްފައިވަނީ އޭނާއަށް އެންމެ ކާމިޔާބު ސީޒަނަށެވެ. އެގޮތުން ބަޔާން މިޔުނިކަށް ޖަރުމަނު ލީގާއި ޔޫރަޕިއަން ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާއިރު ރިބެރީ ވަނީ، މިފަހަރުގެ ބެލަންޑިއޯ އެވޯޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީއާ ވާދަކޮށްފަ އެވެ.

މީގެ އިތުރުން ކަރިމް ބެންޒެމާ ވަނީ، ރެއާލް މެޑްރިޑަށް އޭނާ ޖަހައިދިން 100 ވަނަ ލަނޑު ހުސްވި ހަފްތާގައި ފާހަގަކޮށްފަ އެވެ.