31 Jan 2014, 08:45
މާލެއިން ފުރައިގެން ފ. ފިލިތެޔޮ ރިސޯޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ރޭ 4:48 ހާއިރު ކޯސްޓްގާޑަށް ލިބުމާއިއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިންވަނީ އެސަރަހައްދަށް ގޮސް އޭގައި ތިބި މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
އަޑިއަށް ގޮސްފައި ވަނީ ފ.ފިލިތެޔޮ ރިސޯޓްގައި ދުއްވާ ސަޕްލައި ދޯންޏެއް ކަމަށްވާ "3 އޭ 28" ދޯނި ކަމަށާއި އެ ދޯނި އަޑިއަށް ގޮސްފައި ވަނީ އދ. ދިގުރަށުގެ އިރުން 15 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދޯނި އަޑިއަށް ދިޔުމުން އޭގައި ތިބި މީހުން ދޯނީގައި އޮތް ޑިންގީއަކަށް އަރާފައިވާ ކަމަށާއި މިދޯނި އަޑިއަށްދިޔައިރު ދޯނީގައި އަށް ފިރިހެނުންނާއި ދެ އަންހެނުންނާއި ދެ ކުޑަކުދިން ތިއްބި ކަމަށް ވެސް އެމްއެން ޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިދޯނި އަޑިއަށްދާން މެދުވެރިވެފައިވަނީ އެސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން ދޯންޏެއްގައި ޖެހުމުގެ ސަބަބުން ކަމަށާއި މިހާދިސާގައި އެކްސިޑެންޓްވި އަނެއް ދޯނި އެކްސިޑެންޓްވުމުން މަޑުނުކޮށް އެސަރަހަށްދު ގޮސްފައިވާ ކަމަށެވެ.
އެ ދޯނީގައި ތިބި މީހުންގެ ތެރެއިން ކެޕްޓަން ފިޔަވައި 11 މީހުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބާކްރާފްޓް 113 ނަންބަރު ލޯންޗުގައި މާލެ ދަތުރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގެ ކެޕްޓަން ފުލުހުންނާއެކު އެސަރަހައްދުގައި މަޑުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.