31 Jan 2014, 00:22
އިސްލާމިކް ކެޕިޓަލް މާކެޓްގެ ޕްރޮޑަކްޓްތަކަށް ބޭނުންވާ ލަފާ ދިނުމަށް ޝަރީއާ އެޑްވައިޒަރުން ރަޖިސްޓަރީކުރުމުގެ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިއަދު ފަށައިފި އެވެ.
ސީއެމްޑީއޭއިން ބުނީ، ޝަރީއާ އެޑްވައިޒަރުން ރަޖިސްޓަރީކުރުމާބެހޭ ގަވާއިދުގެ ދަށުން އެ އޮތޯރިޓީން ފުރަތަމަ ރެޖިސްޓްރޭޝަން ދޫކޮށްފައިވަނީ، މިއަދު އެކުލަވައިލެވުނު ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލަށް އައްޔަން ކުރެވުނު ހަތަރު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، މ. ރޭޝަމް ޑރ. އާއިޝަތު މުނީޒާއަށް ކަމަށެވެ.
ޑރ. އާއިޝަތު މުނީޒާއަކީ މެލޭޝިޔާގެ ސެކިއުރިޓީޒް ކޮމިޝަންގައިވެސް ޝަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީވެ މެލޭޝިޔާގެ ކެޕިޓަލް މާކެޓް ދާއިރާގައި ޝަރީއާ އެޑްވައިޒްކުރުމުގެ ހުއްދަ އޮތް ފަރާތެކެވެ.
ސީއެމްޑީއޭގެ ސޫކުކް ދޫކުރުމާބެހޭ ގަވާއިދުގައިވާގޮތުން، ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ސޫކޫކް ދޫކުރުމަށް އެދޭ ފަރާތްތަކުން، އެ އޮތޯރިޓީގައި ރަޖިސްޓަރކޮށްފައިވާ ޝަރީއާ އެޑްވައިޒަރެއް އައްޔަންކުރުން ލާޒިމުކުރެ އެވެ. އެގޮތުން ސުކޫކް ދޫކުރާ ފަރާތަށް ސުކޫކް އޮނިގަނޑު އެކުލަވައިލުން ހިމެނޭ ގޮތަށް، ސުކޫކާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމަކީ ޝަރީއާ އެޑްވައިޒަރުގެ ޒިންމާއެކެވެ.
ޑރ. އާއިޝަތު މުނީޒާގެ އިތުރުން ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އަނެއް ތިން މެންބަރުންނަކީ، ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއާއި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފުގެ އިތުރުން އަލްއުސްތާޛާ އަނާރާ ނަޢީމް އެވެ.
ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލަކީ، ކެޕިޓަލް މާކެޓާ ގުޅުންހުރި ކަންކަމުގައި ސީއެމްޑީއޭއަށް ބޭނުންވާ ޝަރީއާ އާއި ގުޅުންހުރި ކަންކަމުގައި ލަފާ ދިނުމަށް އެކުލަވާލާފައިވާ ކައުންސިލެކެވެ.