30 Jan 2014, 23:52
މިހާރު ކުރިޔަށްދާ އެލް މޮބައިލް ޔޫތް ޗެމްޕިއަންޝިޕްގެ ގުރޫޕް ތިނެއް ގައި ކެލާ ނާޅި ސްޕޯޓްސް އަތުން 2-0 ލަނޑުން އޭދަފުށި ޒުވާނުންގެ ކުލަބް މޮޅުވެ، މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އެޓީމުން ބޮޑު ކޮށްފި އެވެ.
މިއަދު ހަވީރު ޓާފް ދަނޑުގައި ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި އޭދަފުށި ޓީމަށް ލީޑު ހޯދައިދިނީ އަހުމަދު ޝުހެއިލް އެވެ. އަދި ކެލާ ނާޅި ކޮޅަށް އޭދަފުށީ ޓީމުން ޖެހި ދެ ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ދެ ވަނަ ހާފުގައި ކުޅެންނުކުތް މުހައްމަދު ފަޔާޒެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށި ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން އަހުމަދު ޝުހެއިލެވެ.
މިމުބާރަތުގެ ފުރަތަމަ މެޗުގައި އޭދަފުށި ޓީމް ވަނީ އޭވައިއެލް އަތުން 1-2 ލަނޑުން ބަލިވެފަ އެވެ.
މި މުބާރާތުގައި ދެން އޭދަފުށީ ޓީމުން މެޗެއް ކުޅޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ހަވީރު، މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސް އާ ދެކޮޅަށެވެ. އަދި ގުރޫޕްގެ އެންމެ ފަހު މެޗުގައި އެރޭ ނުވައެއް ޖަހާއިރު ބައްދަލު ކުރާނީ ކެލާ ނާޅި އާއި އޭވައިއެލް އެވެ.
މިމުބާރާތުގައި މާދަމާ ހަވީރު 4:10ގައި ބައްދަލުކުރާ ދެޓީމަކީ ގްރޫޕް އެކެއްގެ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ އާއި ވިކްޓަރީ އެވެ. އަދި މާދަމާ ރޭ 9:00ގައި ބައްދަލުކުރާނީ ހަމަ މިގްރޫޕްގެ ކުލަބް އީގަލްސް އާއި ކުލަބް ގްރީން ސްޓްރީޓެވެ.
މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 13 ޓީމު ބައިވެރިވެފައިވާ އިރު ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް އެކެއްގައި ފަސް ޓީމު ހިމަނާފައިވާ އިރު އަނެއް ދެ ގްރޫޕުން ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ހަތަރު ޓީމެވެ.
މުބާރާތް ރާވާފައި ވަނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމާއި ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމާ އެކު އަށް ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 16 އަދި 17 ގައި ކުޅުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ފެބްރުއަރީ 20 ވަނަ ދުވަހު ހަވީރު އެވެ.
އެފްއޭއެމުން 2011 ވަނަ އަހަރު ތައާރަފް ކުރި އެ މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.