30 Jan 2014, 23:18
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޯދި ބިދޭސީ ދެކުޅުންތެރިން މިއަދު ހަވީރު މާލެ އަތުވެއްޖެ އެވެ.
މިސީޒަނުގައި ނިއުއަށް ކުޅުމަށް މިއަދު ހަވީރު މާލެ އައި ބިދޭސީ ދެކުޅުންތެރިންނަކީ ގާނާގެ ގާއުމީ ޓީމުގެ ކުރީގެ ޑިފެންޑަރެއް ކަމަށްވާ އުމުރުން 25 އަހަރުގެ ޖޮނަތަން ކުއާޓޭ އާއި ހަމަ އެގައުމުގެ އުމުރުން 25 އަހަރުގެ ފޯވާޑެއް ކަމަށް އިވާންސް ރުސް މެންސާ އެވެ. އެގޮތުން މެންސާ އަކީ ތައިލެންޑް ޕްރިމިއާ ލީގުގެ އިތުރުން ގާނާގެ ޕްރިމިއާ ލީގަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މިއަދު ނިއުއަށް ކުޅެން މާލެ އައި ގާނާގެ ދެ ކުޅުންތެރިން ވެސް އެކުލަބާއެކު ހަދާފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސް ވުމެކެވެ.
ނިއުގެ ބޯޑު މެންބަރު އަހުމަދު ޒަރީރު (ޒައްރެ) މިރޭ ސަން އަށް ވިދާޅުވީ މިއަދު ކުލަބާ ގުޅުނު ގާނާގެ ދެ ކުޅުންތެރިން ވެސް މިރޭ ވަނީ ކުޅަބުގެ ފަރިތަކުންތަކުގައި ބައިވެރިވެފައި ކަމަށެވެ.
މިއަދު މާލެއާ ނިއުގެ ގާނާގެ ޑިފެންޑަރަކީ، ގާނާގެ ގައުމީ ޓީމަށް މީގެ ކުރިން ނުވަ މެޗު ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ، 2005 ވަނަ އަހަރު ޕެރޫގައި އޮތް 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ޗެމްޕިއަންޝިޕްގައި ގާނާގެ 17 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ.
ކުއާޓޭ އެންމެ ފަހުން ކުޅެފައިވަނީ، 2012 ވަނަ އަހަރު ވިއެޓްނާމްގެ ވީ ލީގު ދޭއްގެ ކްލަބެއް ކަމަށްވާ ހަނޯއީ އޭސީބީ އާއި ހަމަ އެއަހަރު ގާނާގެ ގްލޯ ޕްރީމިއާ ލީގު ކްލަބެއް ކަމަށްވާ އަޝާންތީ ގޯލްޑް ސްޕޯޓިން ކްލަބަށެވެ.
ސައުތު އެފްރިކާގެ ލީގަށް ކުޅޭ ކައިޒާ ޗީފް އެފްސީއަށް 2009 ވަނަ އަހަރު ކުއާޓޭ ކުޅުނުއިރު އޭނާ ވަނީ، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އެޓީމު ކުޅުނު މެޗެއްގައި ޔުނައިޓެޑްގެ ތަރި، ރަޔާން ގިގްސް ފަދަ ތަޖްރިބާކާރު ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދައިފަ އެވެ.
ނިއު އިން ބުނީ، އެ ކްލަބަށް މިސީޒަންގައި ދެން އިތުރު ކުޅުންތެރިން ހޯދާނީ، ސީޒަންގައި ކްލަބު ކުރިއަށްދާ ގޮތަށް ބަލާފައި ކަމަށެވެ.
ދިވެހި ލީގާއި، ޕްރެޒިޑެންޓް ކަޕް މިލްކުކުރާށާއި އަދި އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ އަޒުމުގައި ނިއު އިން މި ފެށޭ ސީޒަނާ ކުރިމަތިލާއިރު އެ ކްލަބުން ވަނީ، ސްޕެއިންގެ ކޯޗެއްކަމަށްވާ ޕެރޭޒް ގާސިއާގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފަށައިފަ އެވެ.
ނިއު އަށް މިފަހަރު އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ނިމިދިޔަ ސީޒަނުގައި ބީޖީއަށް ކުޅުނު ތަޖްރިބާކާރު ފޯވާޑް އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހުތާރު ނަސީރު (ޓޫކިލޯ) އަދި މާޒިޔާއަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ހިމެނެ އެވެ.