މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޒަންގެ ފައިނަލުގެ ދެ ވަނަ ޖާގަ ޕޮލިސް ފެމިލީ ސޯސިއޭޝަން (ޕީއެފްއޭ) ހޯދައިފި އެވެ.

ފީއެފްއޭއިން ފައިނަލުގެ ދެ ވަނަ ޖާގަ ހޯދީ މިރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ސާއްބާ އެކުވެރި ކުލަބާ ވާދަކޮށް ތިން ސެޓް ދެ ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ސެޓުތައް ގެންގޮސްފައިވާގޮތައް ބަލާއިރު، މެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބު ކުރީ ސާއްބަ އެކުވެރި ކުލަބުންވެ. އެއީ 25-20 އަދި 27-25 އިންނެވެ. އަދި މެޗުގެ ބާކީ ތިންސެޓް ޕޮލިސް ކުލަބުން ގެންގޮސްފައި ވަނީ 25-16، 25-19 އަދި 15-13 އިންނެވެ.

މިރޭ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ފެމިލީ އެސޯސިއޭޝަނަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ސަމީރާ ޕްރަގީތު އެވެ.

މިމުބަރާތުގެ ފައިނަލް މެޗުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނަށް މާދަމާ ރޭ 8:30 ގައި ބައްދަލުކުރާނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި ކުލަބް މެކާނޯއާއެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ މެކާނޯއިން ކަށަވަރު ކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ސްޕޯޓްސް ކުލަބް ސިޓީއާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިމުބާރަތުގެ ތިން ވަނަ ހޮވާމެޗުގައި މާދަމާ ހަވީރު 4:30 ގައި ބައްދަލުކުރާ ދެޓީމަކީ ސާއްބަ އެކުވެރި ކުލަބާއި ސްޕޯޓްސް ކުލަބް ސިޓީއެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމާއި ރަނައަޕް ޓީމަށް މިއަހަރުގެ އެއް ވަނަ ޑިވިޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ބުންޏެވެ.