ރާއްޖޭގެ ފުޓްބޯޅަ ދަނޑުތަކުގެތެރެއިން ލައިޓް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ އަދި ލައިޓް ހަރުކޮށްފައި މިހާރު ހުރި ހުރިހާ ދަނޑުތަކެއް މަރާމާތުކޮށް، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރޭގަނޑު ކުޅެވޭނެފަދަ މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ކުޅިވަރާބެހޭ ވަޒީރު މިރޭ ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުކުޅޭ ދަނޑުތަކުގެ ތެރެއިން ލައިޓް ހަރުކުރުމުގެ މަސައްކަތް ފަށާފައި އަދި ކުރިން ލައިޓް ހަރުކޮށްފައިވާ ވަރަށް ގިނަ ދަނޑުތައްކެއް މިހާރުހުރީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ.

"އަޅުގަނޑުމެން މިގެންދަނީ، މިހާރުވެސް ބަލަމުން ކޮން ތަންތަނެއްގަތޯ ލައިޓްތައް މައްސަލަޖެހިފައިހުރީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި، މިގޮތަށް ހުރި ރާއްޖޭގެ އެއްވެސް ކުޅިވަރު ދަނޑެއްގައި ރޭގަނޑު ނުކުޅެވޭނެ ގޮތަކަށް ނޯންނާނެ،" މަލީހު ވިދާޅުވި އެވެ. "މިސާލަކަށް ބައެއް ދަނޑުތަކުގައި އެބަހުރި ލައިޓުތައް އަނދާފައި، ނުވަތަ ލައިޓުތައް ހަރުކުރަން ފަށާފައި އެ މަސައްކަތް ނުނިމި. އެހެން ކަމުން އަޅުގަނޑުމެން މި ޓާގެޓުކުރަނީ، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި، މިގޮތަށް ލައިޓްތައް މައްސަލަޖެހިފައިހުރި ހުރިހާ ދަނޑުތަކެއްގައި ރިޕްލޭސްމެންޓް ލައިޓުތަކެއް ހަރުކޮށް، އެތަންތަން މަރާމާތުކޮށް، ޒުވާނުންނަށް އެ ދަނޑުތަކުގެ ބޭނުން ހިފޭނޭގޮތް ފަހިކޮށްދިނުން،"

ދަނޑުތަކުގައި ލައިޓުތައް ހަރުކޮށް ރޭނގަޑު ކުޅެވޭނެ މާހައުލެއް ގާއިމްކޮށްދޭނީ ހަމައެކަނި، މިހާރު އެމަސައްކަތް ފެށިފައިހުރި ތަންތަނުގައިތޯ ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި މަލީހު ވިދާޅުވީ މި ފަސް އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޒުވާނުންނަށް ކުޅިވަރު ކުޅޭނޭ ވަސީލަތްތައް ގާއިމު ކޮށްދެއްވާނެ ކަމަށެވެ.

"މިވަގުތަށް އަޅުގަނޑުމެން މިބަލަނީ މިދެންނެވި ދަނޑުތައް މަރާމާތުކުރުމަށް. އެހެން ނަމަވެސް އަޅުގަނޑުމެންގެ މި ފަސް އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޒުވާނުންނަށް ކުޅިވަރު ކުޅޭނޭ ވަސީލަތްތައް ގާއިމު ކޮށްދޭނަން،" މަލީހު ވިދާޅުވި އެވެ.

"މިސާލަކަށް މާލޭގައި ހުރި ބައެއް ކުޅިވަރު ކުޅޭ ދަނޑުތަކުގައި ވެސް ލައިޓުތައް ހުރީ މައްސަލަ ޖެހިފައި. އެގޮތުން ހެންވޭރު ކޮޅުގައި ކުދިން ފުޓްސަލް ކުޅޭ ސަރަހައްދާއި އަދި އެފަދަ އެހެން ތަންތަންވެސް ދެމަހެއްހައި ދުވަހުގެ ތެރޭގައި މަރާމާތުކުނެވޭނެ،"

ކުޅިވަރާބެހޭ ވަޒީރު ވިދާޅުވީ، ޔޫތު މިނިސްޓްރީގެ ފަރާތުން މިހާރުވެސް ރަށްރަށުގައި މަސައްކަތް ފަށާފައި ނުދިއްލި ހުރި ދަނޑުތަކުގެ މައުލޫމާތު ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އަދި އޭގެ އިތުރުން 2000 އިން މަތީގެ އާބާދީއެއް އޮތް ރައްތަކުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން 34 ރަށެއްގައި ކުޅިވަރު އެރީނާތައް ގާއިމުކޮށް ނިންމުމަށް މަސައްކަތްކުރައްވަމުން ގެންދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޒުވާނުންނަށް ހަރަދުކުރުމަށް މީގެ ކުރިން 60 މިލިޔަން ރުފިޔާގެ ބަޖެޓެއް ލިބެމުން ދިޔަނަމަވެސް މިފަހަރު އެހެން އަހަރު ތަކާ ހިލާފަށް 360 މިލިޔަން ރުފިޔާގެ ބަޖެޓެއް ކުޅިވަރާއި ސަގާފަތް ކުރިއެރުވުމަށް ލިބިފައިވުމުން 2014 ވަނަ އަހަރު ވެގެންދާނީ، ރާއްޖޭގެ ކަންކޮޅުތަކުގައި ޒުވާނުންނަށް ކުޅިވަރުގެ އިންފްރާ ސްޓްރަކްޗާ ތަކެއް ގާއިމް ކުރެވިގެންދާނެ އަހަރެއް ކަމަށްވެސް ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވި އެވެ.