މާޗު މަހު ބާއްވާ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނާއެކު ފުލުހުން މަޝްވަރާކޮށްފި އެވެ.

އިއްޔެ މެންދުރުފަހު އޮތް ބައްދަލުވުމުގައި މަޖިލިސް އިންތިޚާބާ ގުޅިގެން ފުލުހުން ހިންގަން ހަމަޖައްސާފައިވާ އޮޕަރޭޝަންގެ ކޮމާންޑާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑާ ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ބައިވެރިވެލެއްވިއެވެ.

ރިޔާސީ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ތަޖުރިބާއަށް ރިޢާއަތްކޮށް މި ފަހަރުގެ އޮޕަރޭޝަންގައި އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނާ ދެމެދު ކުރެވޭ މުޢާމަލާތްތައް ހަރުދަނާކުރުމުގެ ގޮތުން ރަސްމީކޮށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގައި އިތުރު ސަމާލުކަމެއްދީ އެކަންތައްތައް ވަގުތުން ވަގުތަށް ކުރުމަށް މިބައްދަލުވުމުގައި ދެފަރާތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުންގެ މުއައްސަސާއާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ކުރާ މުޢާމަލާތްތަކުގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ވެސް ވަނީ އެ ބައްދަލުވުމުގައި ކަނޑައަޅާފައެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ބައްދަލުވުމުގައި ކުރިއަށް އޮތް އިންތިޚާބުގެ ސަލާމަތީ ކަންކަން ވިހާވެސް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި ފުލުހުންގެ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެކަމުގެ ޔަޤީކަން އިލެކްޝަންސް ކޮމިޝަނަށް ފުލުހުންގެ ފަރާތުން އޮޕަރޭޝަންގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރު ވަނީ ދެއްވާފަ އެވެ.