30 Jan 2014, 21:55
މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޒަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުލަބް މެކާނޯއިން ކަށަވަރު ކޮށްފި އެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ މެކާނޯއިން ކަށަވަރު ކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ސްޕޯޓްސް ކުލަބް ސިޓީއާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ސެޓުތައް ކުލަބް މެކާނޯއިން ގެންގޮސްފައި ވަނީ 25-16، 25-13 އަދި 25-17 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުލަބް މެކާނޯގެ އަލީ ހުޒާމެވެ.
ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުވާނީ މިރޭ ޕޮލިސް ފެމިލީ އެސޯސިއޭޝަން އާއި ސާއްބާ އެކުވެރި ކުލަބް ބައްދަލުކުރާ މެޗަށްފަހު އެވެ. މިމެޗުން މޮޅުވާޓީމަކަށް އެފުރުސަތު އެބައޮތެވެ.
މުބާރަތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:30 ގައެވެ. އަދި ތިން ވަނަ ހޮވާ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:30ގަ އެވެ. ތިން ވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ސެމީ ފައިނަލް މެޗްތަކުން ބަލިވާ ދެ ޓީމެވެ. މިހާރު ތިންވަނަ ހޮވާމެޗުގައި އެއްކޮޅުން ވާދަ ކުރަންޖެހޭ ޓީމަކީ ސްޕޯޓްސް ކުލަބް ސިޓީ އެވެ.
މިމުބާރާތުގެ ޗެމްޕިއަންޓީމާއި ރަނައަޕް ޓީމަށް މިއަހަރުގެ އެއް ވަނަ ޑިވިޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ބުނެ އެވެ.