އަންނަ މޭ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖު ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަސައްކަތު ރޭޓް އުޅެނީ 10 ދުވަސް ކުރީގައި ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސަން އަށް މިއަދު ވިދާޅުވީ، ދަނޑުތައް ތަރައްގީ ކުރުމުގެ މަސަތްކަތް ދަނީ ހީކުރިވަރަށް ވުރެ، ބާރު ސްޕީޑެއްގައި ކަމަށާއި ކުރިން ނިންމާފައި ވަނީ އެންމެ ލަސްވެގެން 94 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ކަމަށެވެ. އެހެން ނަމަވެސް މިހާރު މަސައްކަތުގެ ރޭޓް ހުރިގޮތުން ދެ ދަނޑުގެ މަސައްކަތް ވެސް 80 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް މަލީހު ވިދާޅުވި އެވެ.

"އަޅުގަނޑު އިއްޔެ ގަލޮޅު ދަނޑަށް ގޮސް އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބެލިން. މަސައްކަތް ހީކުރިވަރަށް ވުރެ ބާރު ސްޕީޑެއްގައި ދަނީ. މިހާރު މަސައްކަތް ކުރާގޮތުން އެމަސައްކަތުގެ ރޭޓް އުޅެނީ 10 ދުވަސް ކުރީގައި. ގަލޮޅު ދަނޑާ އެއްވަރަށް އައްޑޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް ވެސް ދަނީ ހަމަ މިހާމެ ބާރަށް." މިނިސްޓަރު ވިދާޅުވިއެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުރި، ސިޑިބަރި ދެ ފަރާތުން ބޮޑުކޮށް، ސިޑިބަރީގެ ދަށުގައި އެކިއެކި ކަންކަމަށް ބޭނުން ކުރާނެ ރޫމްތައް ހަދާނެ އެވެ. އަދި އެތަނުގެ ދަނޑުގެ ލައިޓިން ސިސްޓަމް ވެސް ވަރުގަދަ ކުރަން ވަނީ ނިންމައިފަ އެވެ.

ގަލޮޅު ދަނޑު ތައްޔާރުކޮށް ނިމޭއިރު އެތަނުގައި މެޗު ކޮމިޝަނަރާއި ރެފްރީން ތިބޭނޭ ތަނަކާއި، ޕްރެސް ރޫމެއްގެ އިތުރުން މީޑިޔާ ތަކަށް ހާއްސަކުރެވިގެން ރޫމްތަކެއް ތައްޔާރު ކުރެވޭނެ އެވެ.

މޭ މަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ މި މުބާރާތުގެ މެޗްތައް ކުޅޭ ދެ ދަނޑުގެ މަސައްކަތް ތަރައްގީ ކުރުމަށް ޔޫތު މިނިސްޓުރީން ވަނީ 71.5 މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.

ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވުމަށްޓަކައި މުބާރާތުގެ ގުރުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މިޔަންމާ، ކިރްގިސްތާން، އަފްގާނިސްތާން، ފަލަސްތީން، ޕިލިޕީންސް، އަދި ތުރްކުމަނިސްތާނުގެ އިތުރުން ބަނގްލްދޭޝް އެވެ.