ޓެކްސް ދައްކާ ފަރާތްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "1415 ޝޯ"ގެ ނަމުގައި އޮންލައިންކޮށް ހާއްސަ ޝޯއެއް ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ ޓެކުހާ ގުޅޭ އިދާރާއިން ބުނީ، މި ޝޯއަކީ، ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނޭ ގޮތަކަށް ޓެކުހާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެ އިދާރާއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ވަގުތު ނެތުމުގެ ސަބަބުން ޓީވީ އަދި ވިޝުއަލް ރޭޑިއޯ ޕްރޮގްރާމްތައް ބަލަން ދަތިވާ ފަރާތްތަކަށް އެފަރާތްތަކުގެ އަމިއްލަ ވަގުތުގައި ފަސޭހަކަމާ އެކު މައުލޫމާތު ލިބިގަތުމަށް ތައާރަފްކުރި ޝޯއެއް ކަމަށެވެ.

"މި ޝޯގައި ޓެކުހާ ގުޅޭ ތަފާތު މައުލޫމާތުގެ އިތުރުން، އެ ދުވަސްވަރެއްގައި މީރާއިން ކުރަމުންދާ މުހިއްމު ކަންތައްތަކުގެ މައުލޫމާތާއި އަދި ކައިރިވަމުންދާ މުހިއްމު ސުންގަޑިތަކުގެ މައުލޫމާތުވެސް ހިމެނޭނެ،" މީރާއިން ބުންޏެވެ.

މަހަކު އެއްފަހަރު އެޕިސޯޑެއް ނެރޭގޮތަށް މީރާއިން ތައްޔާރުކޮށްފައިވާ "1415 ޝޯ"ގެ ފުރަތަމަ އެޕިސޯޑުގައި 2014 ވަނަ އަހަރު މީރާއިން ހާސިލުކުރަން ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން ކޮމިޝަނާ ޖެނެރަލް ޔަޒީދު މުހައްމަދު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

މީރާއިން ބުނީ، އެ އޮތޯރިޓީގެ މުވައްޒަފުން "އިން ހައުސް"ކޮށް ތައްޔާރު ކުރާ 15 މިނިޓުގެ އޮންލައިން ޝޯ، އެ އޮތޯރީޓީގެ ވެބްސައިޓް www.mira.gov.mv ގައިވާ "މީރާ ޓިޔުބް" އިން ފަސޭހަކަމާއެކު ބަލައިލެވެން ހުންނާނެ ކަމަށެވެ.