އަންނަ މޭމަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާތައް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން 14 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް މިއަދު އެކުލަވައިލައިފި އެވެ.

ކުޅިވަރާބެހޭ ވުޒާރާއިން މިއަދު އެކުލަވައިލި ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސަވާފައިވަނީ، އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣަސްސާން މައުމޫން އެވެ. އަދި ކޮމިޓީގެ ނައިބު މުގައްރިރަކަށް ހަމަޖައްސާފައިވަނީ، އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު އެވެ.

ތަފާތު ދާއިރާތައް ހިމެނޭގޮތަށް އެކޮމިޓީއަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުޅިވަރާ ބެހޭ ދާއިރާއިން އެކޮމިޓީގައި ހިމަނުއްވާފައިވަނީ، އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ނާސިރު (ނާބެ) އާއި، ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދު ޝަރީފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެޑްވައިޒަރު މުހައްމަދު ލަތީފު އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެނިހެންދާއިރާތަކުގެ ބޭފުޅުންގެ ތެރޭގައި، އެމްއެންޑީއެފްގެ ފަރާތުން ކާނަލް އަހްމަދު ފަޔާޒުއާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން އިސްމާއީލް ނަވީން އާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ފަރާތުން ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ހަސަން ހަލީލު ހިމެނިވަޑައިގަންނަވަ އެވެ.

ޗެލެންޖް ކަޕަށް ތައްޔާރުވުމަށް ކުޅިވަރާބެހޭ ވުޒާރާއިން އެކުލަވައިލެއްވި ކޮމިޓީގައި، އޭވިއޭޝަންގެ ދާއިރާއިން ހިމެނިވަޑައިގަންނަވަނީ، އައިލެންޑް އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ. އަދި ކަސްޓަމްސްގެ ފަރާތުން ކޮމިޝަނާ އަބްދުﷲ ވަހީދު ހަމަޖައްސަވާފައިވާއިރު، ސިއްހީދާއިރާއިން ކޮމެޓީއަށް ހަމަޖައްސަވާފައިވަނީ، އައިޖީއެމްއެޗްގެ އެޑްމިން އިންޗާޖް އާތިފާ ޝާކިރު އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ފަރާތުން މުހައްމަދު އާދަމް ކޮމިޓީއަށް ހަމަޖައްސަވާފައިވާއިރު ކަނޑު ދަތުރުފަތުރުގެ ދާއިރާއިން ކޮމިޓީގައި ހިމަނުއްވާފައިވަނީ، އެމްޓީސީސީގެ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އިބްރާހީމް ލަތީފު އެވެ. މީގެ އިތުރުން ކޮމިޓީއަށް ހަމަޖައްސަވާފައިވަނީ ސިވިލް ސޮސައިޓީގެ ފަރާތުން މުހައްމަދު ރަފީއު އަހްމަދު އެވެ.

އަންގާރަ ދުވަހު ސަންއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެފައިވަނީ، ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެކުލަވައިލާ ކޮމިޓީގެ މަސައްކަތަކަށްވާނީ މުބާރާތާ ގުޅޭ ގޮތުން ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ގޮތް ބެލުން ކަމަށެވެ.

ކުޅިވަރާބެހޭ ވަޒީރު ވިދާޅުވެފައިވަނީ، ރާއްޖެއިން މި މުބާރާތަށް ވަމުންދާ ތައްޔާރީ ތަކާމެދު އޭފްސީއިން ވެސް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައި ކަމަށާއި އަދި މި މުބާރާތް ރާއްޖޭގައި ބޭއްވޭނެ ކަމުގެ ޔަގީންކަން އޭފްސީއިން އަރުވާފައި ކަމަށެވެ.

މެއި މަހު 19 އިން 30 އަށް ރާއްޖޭގައި ޗެލެންޖު ކަޕް ބާއްވަން ހަމަޖެހިފައިވާއިރު މުބާރާތުގެ ގުރުލުން އޮންނާނީ ފެބްރުއަރީ 12 ވަނަ ދުވަހު، ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ.