ލ. ގަމުގައި ޓިނުގަނޑެއް ކަފަން އުޅުމުގެ ތެރޭގައި ގްރޭންޑަރުގެ ތިލަ ބުރައިގެން ގޮސް މީހެއްގެ ލޮލާއި މޫނުމަތި ވަރަށް ބޮޑަށް ޒަހަމުވެއްޖެ އެވެ.


މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރު 5:00 ޖަހާ އެހާކަންހާއިރު ލ. ގަމުގެ ތުނޑީ އަވަށުގަ އެވެ. ޓިނު ކަފަން އުޅުމުގެ ތެރޭ ގްރޭންޑަރުގެ ތިލައިން ޖެހި ޒަހަމްވީ ތުނޑީ، ފެހިފަތް، އަހުމަދު އަފުރާހު 19، އެވެ.


‹ތިލަ ދަމައިގަންނަން އުޅުމުގެ ތެރޭގައި ގްރޭންޑަރުގެ ބުރު ފެޅި، ތިލަ ވިއްސައިގެން އައިސް ލޯ މަތީގައި ޖެހުނީ›


އަފްރާހުގެ އާއިލާގެ މެންބަރަކު މިއަދު ބުނީ ޓިނު ކެފުމުގެ މަސައްކަތުގައި އަފްރާހު އުޅެނިކޮށް ގްރޭންޑަރުގެ ތިލަ ނައްޓައިގެން ގޮސް އޭނާގެ ކަނާތް ފަރާތު ލޮލާއި ކޮލުގައި ޖެހި ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށާއި ގުރޭންޑަރުގެ ތިލަ ވިއްސައިގެން ދިޔައީ އަފްރާހު ޓިނުގަނޑު ކަފަމުން ދަނިކޮށް ތިލަ ތާށިވުމުން ގުރޭންޑަރު ދަމައިގަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.


"ތިލަ ދަމައިގަންނަން އުޅުމުގެ ތެރޭގައި ގްރޭންޑަރުގެ ބުރު ފެޅި، ތިލަ ވިއްސައިގެން އައިސް ލޯ މަތީގައި ޖެހުނީ،" އާއިލާގެ މެންބަރު ބުންޏެވެ. "ޑޮކްޓަރުން ބުނަނީ ލޮލަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް. މޫނުމަތިން ކޮލުގެ މަސްގަނޑާ އެއްކޮށް އަނގައިން ފެށިގެން ލޮލުގެ ބުމަޔާއި ހަމަޔަށް ވަރަށް ފުންކޮށް ކަފައިގެން ގޮސްފަ ވަނީ،"


އަފުރާހަށް ލިބުނު ގެއްލުންތަކަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފަ އެވެ. އާއިލާގެ މެންބަރު ބުނީ މިހާރު އަފްރާހުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އޭނާ އަދި ބުނީ އަފްރާހަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންދިއުމުގެ މަސައްކަތް އާއިލާއިން ކުރަމުން އަންނަ ކަމަށެވެ.


މި ހާދިސާއާބެހޭ އެއް ވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނާ އިރު، އައިޖީއެމްއެޗުން ވެސް ވަނީ މި ހާދިސާއާބެހޭ ގޮތުން މައުލޫމާތެއް އޮޅުފިލާ ގޮތް ނުވެފަ އެވެ.