30 Jan 2014, 18:56
ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމްކުރުމުގައި އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަމާއި އަދި ރާއްޖެއަށް ބަޖެޓް ސަޕޯޓް ދެއްވާނެ ކަމުގެ ޔަގީންކަން، ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދަށް ގަތަރުގެ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ނާސިރު ބިން ޚަލީފާ އާލްސާނީ ދެއްވައިފިއެވެ.
ގަތަރުގެ ބޮޑުވަޒީރު މި ޔަގީންކަން ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުހައްމަދު ޖަމީލް އަހްމަދު ގަތަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.
ގަތަރުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ޚާއްސަ ގޮތެއް ބަހައްޓަވައިގެން، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ހުރިހާ ދާއިރާއަކަށް ގަތަރު ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
މިގޮތުން، ރާއްޖެއަށް ގަތަރު ސަރުކާރުން އެކި ދާއިރާތަކުން ސްކޮލަރޝިޕް ދެއްވުމާ ގުޅޭގޮތުންނާއި، ގަތަރުގެ އެކި ޔުނިވަރސިޓީތަކުން ފުރްސަތު ހޯއްދަވައިދެއްވުމުގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ގަތަރުގެ އެކި ދާއިރާތަކުން ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް ހޯދުމުގައިވެސް އެހީތެރިކަން ދެއްވާނެ ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގަތަރުގެ މިނިސްޓަރު އޮފް ޕަބްލިކް ހެލްތް އަބްދުﷲ ބިން ޚާލިދު އަލް ގަހްތާނީއާއި، ގަތަރުގެ މިނިސްޓަރު އޮފް އަޥްޤާފް އެންޑް އިސްލާމިކް އެފެއާޒް ޑޮކްޓަރ ގާއިތު ބިން މުބާރަކް އަލީ އުމްރާން އަލް ޚުވާރީއާވެސް މިއަދު ބައްދަލުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގަތަރުގެ މިނިސްޓަރު އޮފް ޕަބްލިކް ހެލްތާ ބައްދަލުކުރައްވައި، ރާއްޖޭގައި އިތުރު ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށްޓަކައި ގަތަރުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންނާއި، އަތޮޅުތަކުގެ އަތޮޅު ހޮސްޕިޓަލްތަކަށާއި ސިއްޙީ މަރްކަޒުތަކަށް ބޭނުންވާ ސިއްޙީ ވަސީލަތްތައް ގާއިމްކުރުމުގައި އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ސަރުކާރުން މިހާރު ތައްޔާރުކުރައްވާފައިވާ ސިއްޙީ އެކިއެކި މަޝްރޫއުތަކުގެ މައުލޫމާތު، ގަތަރުގެ ޕަބްލިކް ހެލްތް މިނިސްޓަރަށް އެރުވިއެވެ.
ގަތަރުގެ ޕަބްލިކް ހެލްތް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މިކަންކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް، ގަތަރު ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދެއްވިއެވެ.
ގަތަރުގެ މިނިސްޓަރ އޮފް އަޥްޤާފް އެންޑް އިސްލާމިކް އެފެއާޒާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައި، ކީރިތި ޤުރްއާން ކިޔެވުމާއި، ދީނީ ތަޢުލީމް އުނގެނުމުގެ ދާއިރާއިން ޤަތަރު ސަރުކާރުން ރާއްޖެއަށް އެކިއެކި ކުރު ކޯސްތައް ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ގަތަރުގެ މިނިސްޓަރ އޮފް އަޥްޤާފް އެންޑް އިސްލާމިކް އެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ގާއިމްކުރުމަށްޓަކައި އެހީތެރިކަން ހޯއްދަވައިދެއްވުމަށް އަމިއްލަފުޅު ގޮތުންވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދެއްވިއެވެ.