ލޯކަލް ކައުންސިލް އިންތިހާބުގައި ދެލި ފޮހެވޭ ގަލަން ބޭނުންކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކުރަން ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ 18 ޖެނުއަރީގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ތެރެއިން ނ. މިލަދޫގައި ބޭއްވި އެރަށު ކައުންސިލް އިންތިހާބުގައި ދެލި ފޮހެވޭ ގަލަން ބޭނުންކުރި ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

"ގަލަން ބޭނުން ކުރި ކަމަށް ބެލެވެނީ. އަޅުގަނޑުމެންގެ އޮފިޝަލުންނަށް ފެނިގެން އެކަން ރިޕޯޓްކޮށްފައިވޭ. އަދި ފާހަގަ ޖެހި ފަހުން ދެލި ފޮހެވިގެން ވޯޓުލާން ދިޔަ މީހަކުވެސް ޝަކުވާކުރި" މަނިކު ވިދާޅުވި އެވެ.

ދެލި ފޮހެވޭ ގަލަން ބޭނުންކުރުމާ ގުޅިގެން ނ. މިލަދޫގެ ރަށު ކައުންސިލްގެ އިންތިހާބު ބާތިލްކޮށް، އެ އިންތިހާބު މިއަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

މަނިކު ވިދާޅުވީ މިލަދޫގައި ދެލި ފޮހެވޭ ގަލަން ފެނިފައި ވަނީ ވޯޓުލާ މަރުކަޒުގެ ތެރެއިން ކަމަށާއި މަރުކަޒަށް އެގަލަށް ވައްދާފައި ވަނީ ކާކުކަން ނޭނގޭ ކަމަށެވެ.

ދެލި ފޮހެވޭ ގަލަމުގެ ވާހަކަ ރާއްޖޭގައި ފެތުރިގެންދިޔައީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ދެލި ފޮހެވޭ ގަލަންތަކެއް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ބުނެ ބައެއް ސިޔާސީ ބޭފުޅުން އެކަން މީޑިއާގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން ނެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ދެލި ފޮހެވޭ ގަލަމެއް ބޭނުންކޮށްގެން އެއްވެސް ޝަކުވާއެއް ހުށަހެޅިފައެއް ނުވެއެވެ.